ގިނަ އަދަދެއްގެ ޓީޗަރުން އަނެއްކާ ވެސް ކަޅުހެދުމުގައި ނުކުމެއްޖެ

ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ކަޅުހެދުމުގައި ގިނަ އަދަދެއްގެ ޓީޗަރުން މިއަދު ވެސް ސްކޫލްތަކަށް ކިޔަވައިދިނުމަށް ނުކުމެއްޖެ އެވެ.

މި އަހަރުގެ އޭޕްރީލް މަހު ވެސް ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ކަޅުހެދުމުގައި ކިޔަވައިދިނުމަށް ނުކުމެފަ އެވެ.

ކަޅުހެދުން ލައިގެން ސްކޫލަށް ނުކުތުމަކީ ޓީޗާސް އެސޯސިއޭޝަން އިން އިސްނަގައިގެން ކުރާ ކަމެކެވެ. އެކަމުގައި މާލެއާއި އަތޮޅުތަކުގެ ގިނަ ހިސާބުތަކުން ގިނަ ޓީޗަރުން ބައިވެރިވެފައިވެ އެވެ.

ޓީޗާސް އެސޯސިއޭޝަނުގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވީ، ކަޅު ހެދުން ލައިގެން ޓީޗަރުން ނިކުތުމަކީ "ގުގުރާލުމުގެ ކުރިން ވިދާލުމެއް" ކަމަށާއި މިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އަންގާރަ ދުވަހު ޓީޗަރުން ކިޔަވައިދިނުމަށް ނުނިކުތުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ މުސާރަ އާއި އިނާއަތްތަކުގެ ހަމަހަމަ އުސޫލެއް ގާއިމްކޮށްދޭށޭ، އަޅުގަނޑުމެންގެ މި ސްޓޭންޑަކަށް ބަދަލެއް ނުގެންނާނަން،" އާތިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އިން އެ އެސޯސިއޭޝަން އާއެކު މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށާއި މަޝްވަރާތަކުގައި އަލިމަގެއް ނުފެނިއްޖެ ނަމަ ހަމަ ކުރިން ރޭވިފައިވާ ގޮތުގެ މަތިން އަންގާރަ ދުވަހު ކިޔަވައިދިނުން ހުއްޓާލާނެ ކަމަށެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ކުރުމަށް ރާވާފައިވާ ހަޅުތާލަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވޭ ސުލްހަވެރި ހަޅުތާލެއް ކަމަށް ބެލެވެން ނެތް ކަމަށާއި ޣައިރު ގާނޫނީ ހަޅުތާލެއް ޓީޗަރުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.

އެކަމަށް ރައްދުދީ ޓީޗާސް އެސޯސިއޭޝަން އިން ބުނެފައި ވަނީ ޓީޗަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ނަމަ ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ދަށުން ހަޅުތާލު ކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު