އައިއެސް އިން ރަހީނުކުރި ތުރުކީގެ 46 މީހަކު މިނިވަންކޮށްފި

ޢިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ރަހީނުކުރި ތުރުކީގެ މީހުން މިނިވަންކޮށް، ގައުމަށް އެނބުރި ގެނެސްފި އެވެ.

އައިއެސް އިން އިރާގުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ، މޫސަލްގައި ހުންނަ ތުރުކީގެ ކޮންސިއުލޭޓުގައި ތިބި 49 މީހުން ރަހީނުކޮށްފައި ވަނީ، އެ ޖަމާއަތުގެ އަތްދަށަށް މޫސަލް ގެންދިޔުމުގެ ތެރޭގައި މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.

އައިއެސް އިން ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނެނީ 46 ތުރުކީ މީހުންނާއި ތިން އިރާގު މީހުންްނެވެ. ރަހީނުކުރި މީހުންގެ ތެރޭގައި ސަފީރުންނާއި ކުޑަކުދިންގެ އިތުރުން ސިފައިން ވެސް ހިމެނެ އެވެ.

އައިއެސް އިން މިނިވަންކުރި އެންމެން ވެސް ތުރުކީގެ ވެރިރަށް އަންކަރާ އަށް ގެނެސްފައިވާ އިރު، އެ މީހުން މިނިވަންކޮށްފައި ވަނީ ތުރުކީގެ އިންޓެލިޖެންސް އެޖެންސީން ކުރި މަސައްކަތުން ކަމަށް އަހްމަދު ދާވޫދު އޮގްލޯ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ހަފްތާތަކެއް ވަންދެން ތުރުކީގެ އިންޓެލިޖެންސް އެޖެންސީން ކުރި ބުރަ މަސައްކަތަށް ފަހު، އަހަރެމެންގެ ރައްޔިތުން މިވަނީ އަހަރެމެންނާ ހަވާލުކޮށްފައި. އަދި އަހަރެމެން މިވަނީ އެމީހުން އެނބުރި ގައުމަށް ގެނެސްފައި. އެ އެންމެންގެ ހާލުވެސް ރަނގަޅު،" މިނިވަންވި މީހުންގެ އައިލާތަކާ ވާހަކަ ދައްކަވަމުން ތުރުކީގެ ބޮޑުވަޒީރު ވިދާޅުވެފައިވެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ، ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންދެވި ކަމަށްޓަކާ ސަރުކާރަށާއި ސްޓާފުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

މިނިވަންވަން ބްރޯޑްކާސްޓަރެއް ކަމަށްވާ އެންޓީވީން ބުނީ، ރަހީނުކުރި މީހުން މިނިވަން ކުރުމަށް، ބަދަލުގައި ތުރުކީން ފައިސާ އެއް ހުށަހަޅާ އަދި އިތުރު ގައުމެއް ބައިވެރިކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން، އައިއެސްގެ ހަނގުރާމަވެރިންނާ އެއްވެސް ކަހަލަ ހަމަލާއެއް ބަދަލުކޮށްފައިނުވާ ކަމަށް ވެސް އެޓީވީން ބުނެފައިވެ އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ތުރުކީން ވަނީ ރަހީނުކޮށްފައި ތިބި މީހުންގެ ސަލާމަތަށް ޓަކައި އައިއެސް ޖަމާއަތް ނައްތާލުމަށް އެމެރިކާ ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިނުވުމަށް ނިންމާފަ އެވެ. އަދި އެމެރިކާ އިން ދެމުންދާ ވައިގެ ހަމަލާތަކުގެ ބަދަލުގައި އައިއެސް އިން ވަނީ އެމެރިކާގެ ދެ ނޫސްވެރިއަކާއި އިނގިރޭސި ވިލާތުގެ ސިއްހީ އެހީތެރިއެއްގެ ކަރު ބުރިކޮށްލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު