ސިޓީއަށް ކޮސްޓާ ހުއްޓުވޭނެ: ސިލްވާ

މި ސީޒަންގައި ޗެލްސީއާ ގުޅުމަށް ފަހު އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ ހުއްޓުވޭނެ ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ބުނެފި އެވެ.

ޑިއޭގޯ ކޮސްޓާ ވަނީ އޭނާ ކުޅުނު ފުރަތަމަ ފަސްމެޗުން ހަތް ލަނޑު ޖަހައި، ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރިއަށް ޗެލްސީ އަރުވައި ދީފައެވެ.

ކޮސްޓާގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކުރުމުން ސިލްވާ ބުނީ، މެންޗެސްޓާ ސިޓީއަށް އޭނާ ހުއްޓުވުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑިއެގޯގެ ކުޅުމުން ޗެލްސީއަށް ވަނީ ވަރަށް ބޮޑު އިމްޕެކްޓެއް އައިސްފައި. އެހެން ޓީމަކަށް އެޖަސްޓް ވުމަކީ އެހާ ފަސޭހަކަމެއް ނޫން. އެކަމަކު ކޮސްޓާ އެވަނީ ވަރަށް ފަސޭހައިން އެކަން ކާމިޔާކޮށްފައި. މިހާ އަވަހަށް އޭނާ އެވަނީ ހަތް ގޯލް ޖަހާފައި. އެކަމަކު އަހަރެމެންގެ ޑިފެންޑަރުން ވެސް ވަރަށް ވަރުގަދަވާނެ. އެހެން ކަމުން ގަބޫލުކުރަން ޖެހޭ ޑިއެގޯ ހިފެހެއްޓޭނެ ކަމަށް،" ސިލްވާ ބުންޏެވެ.

ޗެލްސީގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ސެސް ފެބްރިގާސްއާ ބެހޭގޮތުން ސިލްވާ ބުނީ، އޭނާގެ ކުޅުންވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެހެން ކަމުން އޭނާއަށް ވެސް ފުރުސަތެއް ނުދޭނޭ ކަމަށެވެ.

"ކޮސްޓާއާއި ފެބްރިގާސްއަކީ އަހަންނާ ވަރަށް ގާތް ދެކުޅުންތެރިން. އެކަމަކު މިކަހަލަ ހާލަތްތަކުގައި އެކުވެރިކްނަ ޖެހޭނީ އެއްފަރާތްކުރަން،" ސިލްވާ ބުންޏެވެ.

އިނގިރޭސި ލީގުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ވާދަކުރާ މެޗު ކުޅޭނީ މާދަމާރޭ ރާއްޖޭ ގަޑިން 8:00ގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު