2020ގެ ޔޫރޯ ފައިނަލް ވެމްބްލީގައި

ޔޫރަޕިއަން ޗެމްޕިއަންޝިޕް 2020ގެ ސެމީފައިނަލް މެޗުތަކާއި ފައިނަލް މެޗު އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ބާއްވަން ޔުއެފާއިން ނިންމައިފި އެވެ.

އިއްޔެ ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ރަސްމިއްޔާތުގައި ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ވަނީ މިކަން ރަސްމީކޮށް އިޢުލާން ކުރައްވާފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު 2011 އަދި 2013 ވަނަ އަހަރު ކުޅެފައިވާ ވެމްބްލީ އަކީ 90000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ވެމްބްލީގައި އިނގިރޭސި ޤައުމީ ޓީމުގެ މެޗުތަކުގެެ އިތުރުން އިނގިރޭސި އެފް އޭކަޕްގެ މުހިއްމު މެޗުތަކާއި ކޮމިއުނިޓީ ޝީލްޑް މެޗްވެސް ކުޅެއެވެ.

ޔޫރޯ 2020ގެ ސެމީ ފައިނަލްގެ މެޗުތަކާއި ފައިނަލް މެޗުގެ ހޮސްޓަކަށް ވެމްބްލީ ސްޓޭޑިއަމް ހޮވުނީ ކުރިން މިކަމަށް ވާދަކުރި ބަޔާން މިއުނިކްގެ އެލިއާންޒް އެރީނާއިގެ ނަން ޖަރުމަނުން އަނބުރާ ގެންދިޔައީމައެވެ. މިހެންކަމުން ވޯޓަކާ ނުލައި ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ވެމްބްލީގެ ނަން ފާސްކޮށް ޔޫރޯ 2020ގެ އެންމެ ޝަރަފުވެރި މެޗުތައް އިނގިރޭސި ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖައްސަވާފައެވެ.

ޔުއެފާއިން އިންތިޒާމް ކޮށްގެން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ޔުއެފާއިން ނިންމައިފައިވަނީ 2020ގެ މުބާރާތް އެއް ޤައުމެއްގައި ބޭއްވުމުގެ ބަދަލުގައި މުޅި ޔޫރަޕްގެ ތަފާތު 13 ސިޓީއެއްގައި ބޭއްވުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު