އޮޒިލްއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ވެންގާ ރައްދު ދީފި

އިނގިރޭސި ކްލަބް އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސިއުޓް އޮޒިލްއަށް ކުރިމަތިވެފައިވާ ފާޑު ކިއުންތަކަށް އެޓީމުގެ ކޯޗު އާސެން ވެންގާ ރަައްދު ދީފި އެވެ.

ސްކައި ސްޕޯޓްސްއަށް މައުލޫމާތު ދެމުން ވެންގާ ބުނީ މިޒަމާނުގައި ހުރިހާ އެންމެނަށް ހުރިހާ އެއްޗެއް އިނގޭ ކަމަށާއި އެންމެ މެޗެއް ބަލައިލުމަށްފަހު ކުޅުންތެރިން 'ޖަޖް' ކޮށްލާ ކަމަށެވެ. ވެންގާ ބުނީ ފުޓްބޯޅަވެސް ކުޅެނީ އިންސާނުން ކަމަށާއި ދިރިއުޅުމުގައި އަހަރުމެންނަަށް ދިމާވާ ޙާލަތްތައް ތަފާތުވާ ފަދައިން އެމީހުންނަށްވެސް މިކަންތައް ދިމާވާނެ ކަމަށެވެ.

އަހަރުމެންގެ ތެރޭގައި އެންމެ މެޗެއްނަމަވެސް މެނޭޖް ކޮށްފައި ނުވާ ޓެކްޓީޝަނުން އުޅޭ ކަމަށާއި އެމީހުންގެ ހިޔާލުތައް ގަބޫލް ކުރަން ޖެހޭ ކަމަށް ވެންގާ ބުންޏެވެ. އަދި ބައެއް ފަހަރު އެމީހުންގެ ހިޔާތުތައް ރަނގަޅުވެ އަދި އަނެއްބައި ފަހަރު ގޯސް ވެދާނެ ކަމަށް ވެސް އާސެނަލްގެ ކޯޗު ބުންޏެވެ.

"ޤަބޫލް ކުރަން އުނދަގޫ ކަމަކީ މިހާރު ހުރިހާ އެންމެނަށްހެން ހުރިހާ އެއްޗެއް އިނގޭ. އެންމެ މެޗަކުން ކުޅުންތެރިއަކު ޖަޖް ކޮށްލާ. ހުރިހާ އެންމެންވެސް ޤަބޫލް ކުރަންޖެހޭނެ ދޯ ފުޓްބޯޅަވެސް ކުޅެނީ އިންސާނުން ކަން. އަހަރުމެންގެ ދިރިއުޅުމުގައި ހާލަތްތައް ތަފާތުވާ ގޮތަށް އެމީހުންނަށްވެސް ރަނގަޅު އަދި ގޯސް ޙާލަތްތައް އަންނާނެ" ވެންގާ ބުންޏެވެ.

ވެންގާ ބުނީ އޮޒިލްއަށް ފާޑު ކިއުމުގެ ކުރިން އޭނާއަށް ވޯލްޑް ކަޕަށްފަހު ރިކަވާ ވާން ލިބުނު ވަގުތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

" ފާޑުކިއުންތައް އެހާ ރަނގަޅެއް ނޫން. އަހަރެން ޤަބޫލް ކުރަން ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ޑޯޓްމަންޑާ ދެކޮޅަށް ރަނގަޅު ކުޅުމެއް ނުދެއްކޭކަން. އޮޒިލް ޓީމާއި ގުޅުނީ ވޯލްޑް ކަޕަށްފަހު އޮގަސްްޓް މަހު. ބޮޑު މުބާރާތަކަށްފަހު އެންމެ ރަނގަޅު ފޯމަށް ބަދަލުވާން ދެތިން މަސް ނަގާނެ،" ވެންގާ ބުންޏެވެ.

އާސެނަލްއަށް ކުޅެމުން އަންނަ 25 އަހަރުގެ އޮޒިލްއަށް ވަނީ އާސެނަލް ގެ ޖާޒީގައި އަދި މިހާތަނަށް ރަނގަޅު ކުޅުމެއް ނުދެއްކިފައެވެ. އާ ސީޒަންގައި އަދި ގޯލެއް ކާމިޔާބު ކުރެވިފައިވާ ނުވާ އޮޒިލްއަށް އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑް ގައި ހޭދަކުރި ދުވަސްތަކުގައި ދެއްކި ކުޅުން ތަކުރާރު ކުރެވިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-0 ން އާސެނަލް ބަލިވި މެޗުގައި ފުރަތަމަ އެގާރައިން އޮޒިލް ފެނުނަސް ދެވަނަ ހާފުގެ ކުރީކޮޅުގައި ވަނީ ބަދަލުކޮށްފައެވެ.

އެ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ އޮޒިލްގެ ފަރާތުން ކުރިއެރުންތައް ފެންނަ ކަމަށާއި މެޗުތައް އަލުން ދިރާސާކުރުމުން އޮޒިލްގެ ފަރާތުން މެޗު ތަކުގައި ރަނގަޅު ކަންތައްތަކެއް ފެންނަ ކަން އިނގޭނެ ކަމަށެވެ.

ވެންގާގެ ސްކޮޑްގައި ވަރުގަދަ މިޑްފީލްޑްލައިނެއް އޮތް ކަމުގައި ވިޔަސް ފްރާންސް ކޯޗުގެ ވިސްނުމުގައި އަދިވެސް ހުރީ އޮޒިލްއަށް އިތުބާރުކޮށް އޭނާގެ ޕްލޭންގައި އޮޒިލްގެ ބައިވެރިވުން ހިމަނައިގެން މި ސީޒަންގައި ކާމިޔާބީ ހޯދާށެވެ.

މިދިޔަ ސީޒަންގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން 42 މިލިއަން ޕައުންޑްގެ ރެކޯޑް އަގެއްގެ ދަށުން އޮޒިލް އާސެނަލް އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު