ބޫޓުގެ ފޫ ނެއްޓުނު މައްސަލައާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަ ދައްކަވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިން ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި މަތީ ފަންތީ ވެރިންގެ ބައްދަލުކުރެއްވުމުގައި، ސްރީ ލަންކާގެ ކަލްޗަރަލް މިނިސްޓަރު ޓީބީ އެކަނަޔަކެ، ފޫނެއް ބޫޓަކަށް އަރުއްވައިގެން އުޅުއްވި ފޮޓޯތަކެއް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ސްރީ ލަންކާ އިން އުފައްދާ ފައިވާން އެކްސްޕޯޓް ކުރި މިންވަރު 2012 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ދެ ގުނަ އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ހާމަކޮށްފައިވަނިކޮށެވެ.

ރަސްމިއްޔާތުގެ ފޮޓޯ ނަގަން ދިޔަ ފޮޓޯގްރާފަރަކު ނެގި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވުމުން، މިނިސްޓަރު އެކަނަޔަކެ ވަނީ އެކަމަށް ރައްދުދެއްވާފަ އެވެ.

"ރަސްމިއްޔާތަށްދާން އަހަރެން އަރަން ބޭނުންވީ ހުދު ކުލައިގެ ބޫޓަކަށް. އެހެންކަމުން އަހަރެން އަތުގައި އޮތް ވަރަށް ދުވަސްވީ ބޫޓުނެގިން. އެ ބޫޓު ދުވަސްވިޔަސް އަހަރެން ހީކުރީ ބޫޓު ހުރީ ރަނގަޅު ހާލަތެއްގައި ކަމަށް،" ސްރީ ލަންކާގެ އޭޝިއަން މިރާ ނޫހަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"ރަސްމިއްޔާތަށް ދިޔަ މަގުމަތީގައި އަހަރެންނަށް އެނގުނީ ބޫޓުގެ ފޫ ނެއްޓެން ފަށާފައިވާކަން. އެވަގުތަކު އާ ބޫޓެއް ގަންނާކަށް ވަގުތެއް ނެތް. އަހަރެން ރަސްމިއްޔާތަށް ދިޔައީ އެގްރީމެންޓެއްގައި ސޮއިކުރަން. ބޫޓު ދައްކާކަށް ނޫން. ޗައިނާ ރައީސް ވެސް ސްރީ ލަންކާ އަށް ވަޑައިގަތީ އަހަރެންގެ ބޫޓު ބަލާކަށް ނޫން،"

އެކަނަޔަކެ ވިދާޅުވީ، "ފޫނެއް" ބޫޓަކަށް އެރުމަކީ ފަހުރެއް ކަމަށާއި އެއީ ކުށެއް ނޫން ކަމަށެވެ. އަދި ފައިވާނަށް ބައެއް ސިޔާސީ ބޭފުޅުން އެތައް ފައިސާއެއް ހަރަދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ހުސްފަޔާ އަމިއްލަ ގައުމުގައި ހިނގުމަކީ ކުށެއް ނޫން. ކުރީގެ ޕްރިމް މިނިސްޓަރު ޑުޑްލޭ ސެނަނަޔެކެ އަށްވެސް ވަނީ މުހިއްމު ހަފްލާއެއްގައި މިފަދަ ކަމެއް ދިމާވެފައި،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު