ކާޑެއްދޫ އެއާޕޯޓް އަނެއްކާ ވެސް ވިލާ އަށް ދީފި

ފަންސާސް އަހަރަށް ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ވިލާ އެއާ އަތުން، އެއާޕޯޓް އަތުލިތާ މަހެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ވިލާ އެއާ އަށް އެ އެއާޕޯޓް ހަވާލުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވިލާ އެއާ އާއި އަލުން ކާޑެއްދޫ އެއާޕޯޓް ހަވާލުކުރިކަން މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ސަރުކާރުން އަމަލުކުރީ އެ ކުންފުނިން ކުރިން ފުރިހަމަ ނުކޮށް ހުރިކަންކަން މިހާރު ފުރިހަމަ ކުރުމުން ކަމަށެވެ.

"އެއާޕޯޓް ތަރައްގީގެ މަސައްކަތްތައް އަވަހަށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އަލުން އެއެއާޕޯޓް ވިލާއެއާ އާއި މިހަވާލުކުރީ،" ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަތުން އަތުލި މައްސަލަ އެކުންފުނީގެ ފަރާތުން ވަނީ ކޯޓަށް ވެސް ހުށައަޅާފަ އެވެ. އެއެއާޕޯޓް ނެގުމަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ނޯޓިހަށް އަމަލު ކުރުން ފަސް ކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ވެސް ވަނީ ނެރެފަ އެވެ.

ވިލާއެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުމަށް ނޯޓިސް ފޮނުވާފައި ވަނީ ދެ މާއްދާއަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ ދެ މާއްދާއަކީ ފްލައިޓް ޖެއްސުމުގެ ސެކިއުރިޓީ ރަނގަޅު ކުރުމާއި ބައެއް އޮޑިޓްތައް ހަދައި ކަންކަން އިސްލާހު ކުރުމަށް ބާރުދޭ ދެ މާއްދާ އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާއެއާއާ ހަވާލު ކުރި ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ދައުލަތުން ކުރަން ޖެހޭ ހަރަދު އެ އެއާޕޯޓް ހިންގައިގެން ލިބޭ އާމްދަނީ އަށް ވުރެ 40 މިލިއަން ރުފިޔާ އިތުރު ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް އަނބުރާ ވިލާއެއާ އަށް ދީފައިވާ އިރު އެ ދުވަސްވަރު ވިލާއެއާގެ މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓްއަކުން ޑޮމެސްޓިކް އެއާޕޯޓް އަކަށް ބަދަލުކުރުމަށް ފަހު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އަނެއްކާ ވެސް އެއެއާޕޯޓް އިންޓަނޭޝަނަލް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު