ބޮޑު މެދުކެނޑުމަކަށް ފަހު ބޯހިމަނަން ފަށައިފި

ކޮންމެ ފަސް އަހަރަކުން ބޯހިމަނަން ޖެހޭ ގޮތަށް އޮތް ނަމަވެސް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އަށް އަހަރު ފަހުން ބޯހިމެނުމުގެ މަސައްކަތް ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާދު މިއަދު ސަން އަށް ވިދާޅުވީ ރަސްމީ ސިފައެއްގައި ބޯހިމެނުމުގެ ކަންކަން މިއަދު ހެނދުނު 8 ޖެހުމާ އެކު ފެށި އިރު ރޭ ދަންވަރު ވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުމަތީގައި ނިދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައިވާ ފަރާތްތަކުގެ އިތުރުން އޮޑި ދޯނި ފަހަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރަމުން ދަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

ސާދު ވިދާޅުވީ މިފަހަރުގެ ބޯހިމެނުމުގައި 3500 އޮފިޝަލުން ބޭނުންކުރާ އިރު އޭގެ ތެރެއިން މާލޭގައި 1500 އޮފިޝަލުން އަދި އަތޮޅުތަކުގައި 2000 އޮފިޝަލުން ހަރަކާތްތެރިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކުރާނެކަމަކީ ގޭގެއަށް ގޮސް ލިސްޓް ކުރުން، ދެން މާދަމާ އިން ފެށިގެން އަޅުގަނޑުމެން އިންޑިވިޗުއަލް މައުލޫމާތުތައް މީހުންގެ ނަގަމުންދާނީ،" ސާދު ވިދާޅުވި އެވެ.

ބޯހިމަނަން ގޭގެ އަށް އޮފިޝަލުން ދާނީ ހެދުނު 9:00 އިން އިރުއޮއްސި 6:00 އަށް ކަމަށާއި ނަމަވެސް ބައެއް އެޕޮއިންޓް މަންޓްތަކަށް ރޭގަނޑު 10:00 ޖަހަންދެން ގޭގެއަށް އޮފިޝަލުން ދާނެ ކަމަށް ސާދު ވިދާޅުވި އެވެ. އަދި ބޯހިމަނަން އޮފިޝަލުން ދާއިރު މީހުން ނޫޅޭ ގޭގެއަށް ސުލިޕެއް ލާނެ ކަމަށާއި އެސުލިޕްގައި އިންނަ ނަމްބަރަށް ގުޅައިގެން ބޯހިމެނުމުގެ މައުލޫމާތު ދިނުމަށް އެދޭ ކަމަށެވެ.

ސާދު ވިދާޅުވީ އެެހެން އަހަރު ތަކުގެ ބޯހިމެނުމާއި މިފަހަރުގެ ތަފާތަކީ ބިދޭސީން ހިމަނަން ޖެހުން ކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރަމުން ދަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

ބޯހިމެނުމުގެ އަމަލީ މަސައްކަތްތައް ނިންމާލެވޭނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށާއި އަދި ބޯހިމެނުމުން ލިބުނު މައުލޫމާތުތައް ހަ މަސް ދުވަހުގެ ތެރޭގައި ހާމަކުރެވޭނެ ކަމަށް ވެސް ސާދު ވިދާޅުވި އެވެ.

ބޯހިމެނުމަށް އޮފިޝަލުން ގޭގެއަށް ގޮސް ހަދާ އިރު ދިމާވާ ދަތިތަކަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް ވެސް ސާދު ވިދާޅުވި އެވެ. ސާދު ވިދާޅުވީ ބޯހިމެނުމުގައި ކުރެވޭ ސުވާލުތަކަކީ ވަރަށް ޖެނެރަލް ސުވާލުތަކެއް ކަމަށާއި އެސުވާލުތަކަށް ޖަވާބު ދިނުމުގައި ބިރުވެރިކަމެއް ނުބޭއްވުމަށް އެދޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު