ވިންޑޯސް ފޯނު އިހްތިޔާރު ނުކުރަނީ ކީއްވެ؟

މޯބައިލް ފޯނެއް އިހްތިޔާރު ކުރާއިރު ވިންޑޯސް ފޯނުގެ އަޑު އިވޭއިރަށް ގިނަމީހުންގެ ނަޒަރު އެހެން ދިމާއަކަށް އަނބުރައިލަކީ ކީއްވެ ހެއްޔެވެ؟ ފޯނެއް އިހްތިޔާރު ކުރާއިރު އެންމެ ފުރަތަމަވެސް އެޕަލްގެ 'އައިއޯއެސް' އަށް ނުވަތަ ގޫގުލްގެ 'އެންޑްރޮއިޑް' އަށް ނަޒަރު ހުއްޓެނީ ކީއްވެހެއްޔެވެ؟

ދުނިޔޭގެ ހިއްސާގެ ބާޒާރުގައި މައިކްރޯ ސޮފްޓްގެ ވިންޑޯސް ފޯން، ތިންވަނައިގައި އޮތް ނަމަވެސް އެ ފޯނު ބޭނުން ނުކުރާ މީހުން އެއީ "ދެރަ" ފޯނެއްގެ ގޮތުގައި ލޭބަލް ކުރެއެވެ. އެހެން ނަމަވެސް އެންމެ މަޝްހޫރުކަމަށް ބުނާ ދެ އޯއެސްއާ އަޅައިބަލާއިރު ވިންޑޯޒް ފޯނުން ވަކި ނުކުރެވޭ ކަމެއް ނެތެވެ.

އެންޑްރޮއިޑާ އަޅައިބަލާއިރު ވިންޑޯސް ފޯނަކީ ހަލުވި ފޯނެކެވެ. އެންމެ އަގު ހެޔޮ ފޯނު ތަކަކީވެސް އޮމާން 'ޔޫސާ އެކްސްޕީރިއެންސް' ދޭނެ ފޯނެކެވެ. އެންޑްރޮއިޑްގެ އެންމެ 'ހައި އެންޑް' (އަގުބޮޑު، އެންމެ ވަރުގަދަ ހާޑުވެއާ ހަރު ކުރެވިފައިވާ) ފޯނު ތަކަކީވެސް ވަކި ދުވަސްކޮޅެއް ވުމުން 'ފްރީޒް' ވާ ފޯނުތަކެކެވެ. އެންޑްރޮއިޑްގެ ފޯނުތަށް ގިނައިން "ސްޓަކް" ވާއިރު ވިންޑޯސް ފޯނުގެ އެންމެ ދެރަ ހާޑުވެއާގެ ފޯނު ތަކުންވެސް ވަރުގަދަ 'ޕާފޯމަންސް' ދައްކައެވެ.

ގެންގުޅުމަށް ފަސޭހަ ވިންޑޯސް ފޯން އޯއެސް އަކީ އެންމެ ޒުވާން އޯއެސް އެވެ. ދެއަހަރުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވެފައިވާ އޯއެސް ތަކާ އެއްވަރު ކުރަމުންދާއިރު އެހެން އޯއެސް ތަކުން ކުރެވޭ ގިނަ ކަންތައް ވިންޑޯސް އޯއެސްގައި ވެސް ކުރެވެއެވެ.

އުމުރުން "ޅަ" ނަމަވެސް ވަރުގަދަ "ޕާސަނަލް އެސިސްޓެންޓް" ތަކާ ސީދާ ވާދަ ކުރެވޭ ވަރުގެ ޕްރޮގްރާމެއް މި ޖޫންގައި ވިންޑޯސް ފޯން 8.1 އަޕްޑޭޓާއެކު ވަނީ ނެރެފައެވެ. އެންޑްރޮއިޑްގެ 'ގޫގަލް ނައު' ފަސޭހަ ކަމާއެކު ވިންޑޯސް ފޯނުގެ 'ކޯޓާނާ' އަށް ބަލި ކޮށްލެވޭނެއެވެ. ފޯނުގެ ވެރި ފަރާތުގެ މައުލޫމާތުތަށް ދުވަސް ވީ ވަރަކަށް ދަސް ކުރާ ކޯޓާނާއަށް އައި ފޯން 4 އެސް އާއެކު އައި 'ސިރީ'އާ ވާދަ ކުރެވޭ ވަރުވެއެވެ. ނަމަވެސް ގިނަ ދުވަސް ވެފައި ވުމުން ކުޑަ ތަންކޮޅެއް ނަމަވެސް އައިއޯއެސްގެ 'ސިރީ' މޮޅުވާނެއެވެ.

ގިނަ ބަޔަކު ވިންޑޯސް ފޯނު އިހްތިޔާރު ނުކުރުމަށް ދިމާވާ އަނެއް ސަބަބަކީ އެޕް ސްޓޯ މައްސަލައެވެ. ތެދެކެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ފަދަ ގިނަ ދުވަސްވީ 'ޕްލެޓްފޯމް' ތަކުގެ އެޕްސްޓޯއަކާ ވިންޑޯސް ފޯނަށް އެއްވަރު ކުރަން އުނދަގޫ ވާނެއެވެ. ނަމަވެސް އާންމު ބޭނުންތަކަށް ބޭނުން ހުރިހާ އެޕްލިކޭޝަން ތަކެއް ވިންޑޯސް ފޯނުންވެސް ލިބޭނެއެވެ.

ރަނގަޅު ފޯނުތަކެއް އުފައްދަމުން ދިޔަ ކަމުގައި ވިޔަސް ދުނިޔޭގެ މާކެޓު ޝެއާ އަށް ގިނަ ބަދަލުތައް ވިންޑޯސް ފޯނުތަކަށް އަންނަ ތަން ފެނިފައި ނުވުމުން، ދިރާސާ ކުރާ ފަރާތްތަކުން ހޯދި ހޯދުންތަކުން ސަބަބެއްކަމަށް އެނގިފައި ވަނީ ކުންފުނިތަކުން މައިކްރޯސޮފްޓަށް އޮޅުވާލުންތަކެއް ގެންގުޅޭ ކަމެވެ. މައިކްރޯސޮފްޓުން އެ ކުންފުނި ޕްރޮމޯޓު ކުރަން ތިބި މީހުން ވަނީ ގަނެފައި ކަމަށް 'ޑަބްލިއުޕީ ސެންޓްރަލް' ގެ ރިޕޯޓެއްގައި ފާހަގަކޮށްފައި ވެއެވެ.

އެ ރިޕޯޓު ތައްޔާރުކުރި މީހުންނަށް މި ކަން އެނގުނީ ފޯނު ވިއްކާ ކެރިއަރު ކަހަލަ ބޮޑެތި ކުންފުނި ތަށް ކަމަށްވާ 'އޭޓީ އެންޑް ޓީ' އާއި 'ޓީމޯބައިލް' ތަންތަނުން ވިންޑޯސް ފޯނު ގަންނަން ދިޔުމުން އައިފޯނާ ދިމާލަށް ގެންދިޔުމުންނެވެ.

"އަހަރެން ރަނގަޅަށް ބުނިން އަހަރެން ބޭނުމީ ވިންޑޯސް ފޯނެކޭ. ސާފުކޮށް މިވެނި ފޯނެކޭ ބުނިން. އެކަމަކު އެތާ ހުރި ސޭލްސް މަން، ހަމަ އަހާލާ ކޮންމެ ފަހަރަކު އައިފޯނު މާ ބޮޑަށް މޮޅުވާނެ ކަމަށް ދައްކާ،" ފޯނު ގަންނަން 'ޑަބްލިއުޕީ ސެންޓްރަލް' އިން ދިޔަ މީހަކު ބުންޏެވެ.

އެހެންކަމުން ފޯނެއް ގަންނަންދާއިރަށް 'ވިންޑޯސް ފޯނަކީ' އެހެން ފޯނުތަކަށް ވުރެ "ދަށް އެއްޗެކޭ" ބުނެ އެހެން ފޯނުތަކަށް އިޝާރާތް ކުރާކަމުގައި ވާނަމަ ވިންޑޯސް ފޯނު ކުންފުންޏަށް ދިމާވެފައި މިވަނީ ވަރަށް ބޮޑު ގޮން ޖެހުމެކެވެ.

ބޭނުންވަނީ އަގުބޮޑު ބަލާލަން ރީތި އެހެންނަމަވެސް ގިނަ ބޭނުންތަކެއް ނުކުރެވޭ ފޯނެއް ހެއްޔެވެ؟ ނުވަތަ ގަނެފައި ގިނަ ދުވަސްތަކެއް ނުވަނީ 'ސްލޯ' ވާ ފޯނެއް ހެއްޔެވެ؟ ނުވަތަ، ބޭނުން ވަނީ އަގު ހެޔޮ، ބަލާލަން ރީތި އަދި ފަސޭހަ ފޯނެއް ހެއްޔެވެ؟ އެހެން ކަމުގައި ވާނަމަ ވިންޑޯސް ފޯނަކީ ގަންނަން އެންމެ އެދެވިގެންވާ ފޯނެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު