ދެ ޖިންސު މަސްހުނިކޮށް ނަށާ ވީޑިއޯއެއް ކުޅުނު ބަޔަކު ޖަލަށްލާން ހުކުމްކޮށްފި

އިރާނުގައި ދެ ޖިންސު މަސްހުނިކޮށް ނަށާ ލަވައެއް ކުޅުނު ބަޔަކު އެއް އަހަރަށް ޖަލަށްލުމާ އެކު 91 އެތިފަހަރުން ތައުޒީރު ކުރަން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އީރާންގެ ވެރިރަށް ތެހެރާނުގައި "ހެޕީ ވީ އާ ފްރޮމް ތެހްރާން" ނަމަކަށް ކިޔާ ވީޑިއޯ ލަވައެއް ކުޅުނު ތިން ފިރިހެނަކާއި ތިން އަންހެނުން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރާ ހަވާލާދީ އިރާނުގެ ނޫހެއްގައި ބުނެފައި ވަނީ، އެ ވީޑިއޯ ކުޅުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އިރު، އެ ވީޑިއޯ ޑައިރެކްޓު ކުރި މީހާ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

އެ މީހުން އިތުރު ކުށެއް ނުކުރާ ނަމަ އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރުމަށް ވެސް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެެވެ.

އެމެރިކާގެ ލަވަކިޔުންތެރިއެއް އަދި ރެޕަރެއް ކަމަށްވާ ފެރަލް ވިލިއަމްސް ކިޔާފައިވާ "ހެޕީ" ލަވަ އަސްލަކަށް ބަލައިގެން އަމިއްލައަށް ކުޅުނު އެ ވީޑިއޯއަށް ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ޔޫޓިއުބު މެދުވެރިކޮށް ބަލާފައިވެ އެވެ. ނަމަވެސް، އިރާނުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެ ވީޑިއޯގެ މައްސަލަ އައީ ޔޫޓިއުބް މެދުވެރިކޮށް 150000 މީހުން އެ ވީޑިއޯ ބެލި ފަހުންނެވެ.

އެ މީހުން ހައްޔަރުކުރުމުން ބައިނަލްއަގްވާމީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ސޯޝަލް މީޑިއާގައި އެމީހުން ދޫކޮށްލުމަށް އެދި ކެމްޕެއިނެއްް ކޮށްފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ވިލިއަމްސް ވެސް ވަނީ ފޭސްބުކްގައި އެމީހުން ހައްޔަރުކުރުމުން ނުރުހުން ފާޅުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު