މިނިވަންކަމުގެ ވޯޓު ނާކާމިޔާބު ވުމުން ބޮޑުވަޒީރު އެލެކްސް ސެލްމޮން އިސްތިއުފާ ދެއްވަނީ

އެޑިންބަރާ (ސެޕްޓެމްބަރ 20): އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމާބެހޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާނެކަން ސްކޮޓްލެންޑްގެ ބޮޑުވަޒީރު އެލެކްސް ސެލްމޮން ހާމަ ކުރައްވައިފި އެވެ.

ސެލްމޮންއަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް އެންމެ ބޮޑަށް ކޭންޕޭން ކުރައްވައި އެކަމަށް ތާއީދުކުރާ ފަރާތްތައް ލީޑް ކުރެއްވި އިސް ލީޑަރެވެ. އޭނާގެ ޕާޓީއަކީ ވެސް މިވޯޓު ކާމިޔާބު ކުރުމަށް ކޭންޕޭންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ޕާޓީ އެވެ. މިވޯޓު ނާކާމިޔާބުވެ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ނުފެންނަ ކަމަށް 54 ޕަސެންޓް މީހުން ވޯޓުދިނުމާ ގުޅިގެން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ސެލްމޮން ވިދާޅުވީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ކަމަށް ގަބޫލުކުރައްވާ ކަމަަށާއި ބަލިވުމުން ބޮޑުވަޒީރުކަމުންނާއި ޕާޓީގެ ޒަޢީމް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގަ އެވެ. އިންތިޚާބަކުން ބަލިވުމުން ބަލިގަބޫލުކޮށް މަގާމުން އިސްތިއުފާ ދިނުމަކީ ޑިމޮކްރަސީގެ ރީތި އުސޫލު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެލެކްސް ވިދާޅުވި އެވެ.

މިވޯޓުގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ 4.2 މިލިޔަން މީހުންގެ ތެރެއިން 80 ޕަސެންޓަށް ވުރެ ވެސް މަތީ ނިސްބަތެއް ވޯޓުލުމަށް ނުކުމެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މީގެ ތެރެއިން 97 ޕަސެންޓް މީހުންނަކީ ސްކޮޓްލެންޑްގެ އަސްލު ރައްޔިތުންނެވެ. އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ވަކިވެ މިނިވަން ގައުމެއްގެ ގޮތުގައި ސްކޮޓްލެންޑް ނުކުމެއްޖެ ނަމަ ސްކޮޓްލެންޑަށް އިގްތިސާދީ ގޮތުން ލިބޭ ފައިދާ ބޮޑުވެފައި ރައްޔިތުންގެ ތަނަވަސްކަން މާބޮޑަށް އިތުރުވެގެންދާނެ ކަމަށް މިނިވަންކަމަށް ތާއީދުކޮށް ކެންޕޭންކުރި ފަރާތްތަކުން ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްކޮށްފައިވެ އެވެ. އަދި މިނިވަންކަން އިއްލާން ކުރެވިއްޖެ ނަމަ އިނގިރޭސިވިލާތާއި ސްކޮޓްލެންޑް ހިއްސާކުރާ އުތުރު ކަނޑުގެ ތެލުގެ ރިޒާވް ބައިކޮށްލުމުން ސްކޮޓްލެންޑަށް ލިބޭނެ ކަމަށް ބެލެވޭ ހިއްސާ ބޮޑުވެފައި ސްކޮޓްލެންޑްގެ އާބާދީ މަދުވުމުން އެސަރަހައްދުގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު ދެގުނައަށް މައްޗަށްދާނެ ކަމަށް ވެސް މިނިވަން ކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނެ ކޭންޕޭން ކޮށްފައިވެ އެވެ.

މިނިވަންކަމާ އިދިކޮޅު އަދި އިނގިރޭސި ބޯދާ ރަސްކަމުގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ސްކޮޓްލެންޑް ބޭއްވުމަށް ތާއީދުކުރާ ފަރާތްތަކުން ކޭންޕޭން ކުރަމުން ގެންދިޔައީ މިނިވަންކަން އިޢްލާންކުރިނަމަވެސް އިގްތިސާދީ ކަންކަމުގައާއި ފައިސާގެ ކަންކަމުގައި ސްކޮޓްލެންޑަށް ހަގީގީ މިނިވަންކަން އަދި ނުލިބޭނެ ކަމަށާއި ސްކޮޓްލެންޑްގެ މިހާރުގެ ސަރުކާރަކީ މިނިވަންކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ގެނެސްދެވޭ ހާލަތުގައި އޮތް ސަރުކާރެއް ނޫންކަން ރައްޔިތުުންނަށް ވިސްނައި ދިނުމަށެވެ. އަދި މިނިވަންކަން އިޢްލާންކުރުމަށް ސްކޮޓްލެންޑް އަދި ތައްޔާރުނުވާ ކަމަށާ މިފަދަ ޙާލަތެއްގައި މިނިވަންކަން އިޢްލާންކޮށްފި ނަމަ ލިބޭފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ ކަމަށް ވެސް މިނިވަންކަމާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ވިސްނައި ދިނުމަށް މަސައްކަތް ކުރި އެވެ. މިވޯޓާ ދެކޮޅަށް އިނގިރޭސި ސަރުކާރުންވެސް ވަރަަށް ގަދައަށް ކޭންޕޭން ކޮށްފައިވެ އެވެ. ޚާއްސަކޮށް ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި އިނގިރޭސިވިލާތުގެ ބޮޑު ތިން ޕާޓީއާއި އެޕާޓީތަކުގެ އިސްފަރާތްތަކުގެ އިތުރުން އިނގިރޭސި ރާނީ އެލިޒަބަތް ވެސް ވަނީ އޭނާގެ ރަނިކަމުގެ ނިޒާމު ހީނަރުވެދާނެ ކަމުގެ ބިރު ހީވެގެން ވޯޓާ ދެކޮޅަށް ވަރަށް ވަަރުގަދައަށް އަޑުއުފުއްލަވައި އަދި އަޑިއަޑިން މިކަމަށް ކޭންޕޭންކުރައްވައި ނުފޫޒު ވެސް ފޯރުވާފަ އެވެ.

މިނިވަން ކަމުގެ ވޯޓު ނާކާމިޔާބު ވުމުން ސްކޮޓްލެންޑްގެ ބޮޑުވަޒީރު އެލެކްސް ސެލްމޮން ވަނީ މިވޯޓު ނާކާމިޔާބުވެއްޖެ ނަމަ ސްކޮޓްލެންޑަށް ދިނުމަށް ވައުދުވެފައިވާ އިތުރު ބާރުތަކާއި އިޚްތިޔާރުތައް ދިނުމުގެ ކަންތައް އަވަސް ކުރުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރަށް ގޮވާލައްވާފަ އެވެ. ކެމެރޮން ވަނީ މިނިވަންކަމުގެ އިންތިޚާބު ނާކާމިޔާބު ވިޔަސް މިކަމުގެ ސަބަބުން އިނގިރޭސިވިލާތަށް ވަރުގަދަ ފިލާވަޅެއް ލިބިއްޖެ ކަމަށާ މިކަމުން އިބްރަތް ހާސިލްކޮށްގެން ސްކޮޓްލެންޑަށް ވެރިކަމުގެ އިތުރު ބާރުތައް ދޭންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު