ރެއާލްގައި އިތުރު ހަ އަހަރު ދުވަހު މަޑުކުރަން ވަރާނޭ އެއްބަސްވެއްޖެ

ފްރާންސްގެ މިޖީލުގެ ޒުވާން ފުޓްބޯޅަ ތަރި ރަފައެލް ވަރާނޭ އިތުރު ހަ އަހަރު ދުވަހު ރެއާލް މެޑްރިޑްގައި މަޑުކުރަން ނިންމައި އެ ކްލަބާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ރެއާލްގެ 21 އަހަރުގެ ޒުވާން ޑިފެންޑަރު އާ އެއްބަސްވުމެއްގައި ސޮއި ކުރީ ކުރީގެ ކޮންޓްރެކްޓުގައި ބާކީ ތިން އަހަރު އޮއްވައެވެ.

ފްރާންސްގެ އެއްވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ލިލް އިން 2011 ވަނަ އަހަރު ވަރާނޭ ރެއާލްއާ ގުޅުނީ 10 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

މެޑްރިޑްގެ ކްލަބާ ގުޅުނު ފަހުން ވަރާނޭ ވަނީ ސްޕެނިޝް ލަ ލީގާގައި ކުޅުނު ދެވަނަ މެޗުގައި މޮޅު ގޯލެއް ކާމިޔާބުކޮށްދީ 2011-12 ސީޒަންގައި ރެއާލްގެ ޑިފެންސް ލައިނުގައި ސާޖިއޯ ރާމޯސް އާއެކީ ހުނަރުވެރި ކުޅުމެއް ދައްކައި ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ޑިފެންޑަރުންގެ ލިސްޓުން ޖާގަ ހޯދާފައެވެ.

މިދިޔަ ސީޒަންގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިވިޔަސް ވަރާނޭ ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕުގައި ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެ އޭނާ އަކީ ގައުމީ ޓީމަށްވެސް މުހިއްމު ކުޅުންތެރިއެއްކަން ދައްކާލާފައެވެ.

ނިމިގެންދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވަރާނޭ ޕްރިމިއަ ލީގުގެ ކްލަބް ޗެލްސީއާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް ފެންމަތިވިޔަސް ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން ބެރްނަބެއު ގައި މަޑުކޮށް ރެއާލްގައި އޭނާގެ މުސްތަގްބަލް ބިނާކުރަން ފްރާންސް ޑިފެންޑަރު ވަނީ ނިންމައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު