ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 8:38 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު ތިން މީހަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭގެތެރެއިން ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ. އެ ދެ މީހުން މާލެ ގެނެސްފައި ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.

އޭނާ ވިދާޅުވީ އިތުރު ފަރުވާ ދިނުމަށް އައިޖީއެމްޗަށް ފޮނުވާލި ދެ މީހުންނަށް ކުދި އަނިޔާގެ އިތުރުން ބޮލުގެ އެތެރެއަށް ގެއްލުން ލިބުނު ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެކަން ކަށަވަރުވާނީ އައިޖީއެމްޗުން ޓެސްޓުތައް ހެދުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ބޯގަންވިލާ މަގުން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލަކާއި އެމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު