ސާކް ގައުމުތައް ގުޅިގެން ސަރަހައްދީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނެ: ރައީސް

ސާކްގެ ގައުމުތައް ގުޅިގެން މަސައްކަތްކޮށްގެން، މިސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި މިހާރު ކުރިއަށްދާ އައިކެޕްގެ ބައްދަލުވުމުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުތައް ގުޅިގެން ވަސީލަތްތައް ބޭނުންކޮށްގެން ފަގީރުކަމާއި ތިމާވެށި ހަލާކުވުން ފަދަ ކަންތައްތައް ނައްތައިލެވިދާނެ ކަމަށެވެ.

"... އަޅުގަނޑުމެން ގަބޫލުކުރަނީ ވަސީލަތްތައް ހިއްސާކޮށްގެން، ހުރިހާ ގައުމަކަށް ވެސް ނެގެން އޮތް އެޑްވާންޓޭޖްތަކަށް ވިސްނައިގެން މަސައްކަތް ކޮށްފި ނަމަ، ސާކް ގައުމުތަކުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ އުނދަގޫ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް. އެންމެ ކަންބޮޑުވާ ކަންތައްތައް ކަމަށްވާ ފަގީރުކަމާއި ތިމާވެށި ހަލާކުވުން ފަދަ ކަންތައްތައް ނައްތައިލެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ސްރީލަންކާގެ ނިލަމް ޕޮކުނާ މަހިންދަ ރާޖަޕަކްސަ ތިއޭޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، ކޮންމެ މައްސަލައަކީ އެންމެން އެއްގަލަކަށް އަރާނެ ކަންކަން ނޫންކަމަށާއި، ޚިޔާލު ތަފާތުވި ނަމަވެސް، މި ތަފާތުތަކާއެކު އެކަކު އަނެކަކަށް އަބަދުވެސް އިޙްތިރާމް ކުރަންޖެހޭ ކަމަށެވެ.

"ވަކި ސިޔާސީ ޕާޓީއެއް، ނުވަތަ ވަކި ސިޔާސީ ފިކުރަކާ އެއްގޮތަށް ކުރެވޭ މަސައްކަތަކީ، ހަމަ ރައްޔިތުންނަށް ކޮށްދެވޭ ޚިދުމަތެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން އަބަދުވެސް، ކަންކަމުގައި މަޝްވަރާކުރުން އިސްކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވި އެވެ.

މިހިނގާ 21 ވަނަ ގަރުނަކީ އެތައް ގޮތަކުން، އޭޝިޔާގެ ގަރުނެއްކަން ފާހަގަ ކުރައްވަމުން، އޭޝިޔާގެ ތަރައްގީއަށްޓަކައި މަސައްކަތްކުރެވެމުންދާ ދާއިރާތަކުގެ މައްޗަށް ވެސް އެ ބައްދަލުވުމުގައި ރައީސް ޔާމީން އަލިއަޅުއްވައިލެއްވި އެވެ. މިގޮތުން އިގްތިޞާދާއި، ވިޔަފާރީގެ ދާއިރާއާއި، އިޖްތިމާއީ ދާއިރާގެ ކުރިއެރުމާއި، ތަރައްގީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންނަށް ފާގަތިކަންލިބޭނެ ތަރައްގީގެ މަޝްރޫއުތަކާއި، ގައުމީ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، އެގައުމެއްގެ ސިޔާސީ ޕާޓީތަކުން، އެގައުމެއްގެ ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތްކުރުމަށް ސާކުގެ ހުރިހާ ގައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި، މި ފަދަ ތަހުޒީބުކަމަކީ، ޑިމޮކްރަސީއަށް ރައްޔިތުންގެ އިތުބާރު އިތުރަށް ލިބިގެންދާނެ ކަމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ސާކް ސަރަޙައްދުގެ ގައުއުމުތަކުން އެއްޤައުމަކުން އަނެއް ޤައުމަކަށް އެއްބާރުލުންދީ، އެންމެންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތްކޮށްފިނަމަ، މިސަރަޙައްދަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުންވެސް އަރައިގަނެވޭކަމުގައެވެ. އަދި މިއީ، ސާކް ގައުމުތަކާއި، މި ބައްދަލުވުމުގައި ބައިވެރިވާ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރަންޖެހޭ ވަގުތު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު