ކައްދޫ އިން ފޮނަދުއަށް ދިޔަ ކާރެއްގައި ރޯވެއްޖެ

ލ. އަތޮޅުގައި ގުޅިފައި އޮންނަ ދެރަށް ކަމަށްވާ އެއަތޮޅު ކައްދޫ އިން ފޮނަދުއަށް ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ އެވެ.

ގަމުގައި ހުންނަ ސަންގެ ރިޕޯޓަރު ޢަލީ ވާފިރު ބުނީ، މިރޭ އިރުއޮއްސުނު ވަގުތު، ގަމުން ފޮނަދުއަށް ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއްގައި ރޯވެފައި ވަނީ، ކައްދޫ-ފޮނަދޫ ގުޅުވައިދޭ ކޯޒްވޭ މަތިން ފޮނަދުއާ ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ 6:05 އެހައިކަންހާއިރު ކައްދޫ އިން ފޮނަދޫއަށް ދާން އޮންނަ ކޯޒުވޭމަތީގައި ކަމަށާއި އެ ހާދިސާގައި އެ ކާރު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

އެ ނުރައްކާތެރި ހާދިސާ ހިނގިއިރު ކާރުގައި ދެމީހުން ތިއްބެވެ. އެހެން ނަމަވެސް އަލިފާން ރޯވުމާއެކު އެ ދެމީހުން ވަނީ ކާރުން ބޭރަށް ފުންމާލައިފައެވެ. އަދި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
ލ. ކައްދޫއިން ފޮނަދޫއަށް ދާން އޮންނަ ކޯޒްވޭ މަތީގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަނދަނީ -- ސަން ފޮޓޯ: ޙުސެއިން

ކާރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ނޭނގުނު ނަމަވެސް މަންޒަރު ދުށްމީހުން ބުނީ، އަލިފާ ހިފާފައިވަނީ، ކާރުގެ ޕެޓްރޯލް ޓޭކުގައި ކަމަށެވެ. އަދި އެ ކާރުގައި ރޯވުމާއެކު ކާރު ދުއްވަން އިން މީހާއާއި އޭނާގެ ރަހްމަތްތެރިޔާ ކާރުން ފޭބި ކަމަށާއި، ކުޑަ އިރުކޮޅެއްގެ ތެރޭގައި ކާރު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހުން ސަންއަށް ކިޔައިދިނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސެންޓްރަލް އޭރިޔާގައި ހުންނަ ކައްދޫ ފަޔަރ ސްޓޭޝަނަށް އެ ކާރުގައި ރޯވެގެން އުޅޭ މައުލޫމާތު ލިބުމާއެކު އެތަނުގެ ފަޔަމަނުން އެ ސަރަހައްދަށް ދިޔައިރު ކާރުގައި ވަނީ އެއްކޮށް ރޯވެފައި ކަމަށެވެ. އަދި ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނުއިރު ކާރުއެއްކޮށް އަނދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގިކަން ފުލުހުންނަށް ހުށަހަޅާފައި ވަނީ، 6:20 ކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު