ނ. މާފަރު އެއާޕޯޓު 2016 ގައި ހުޅުވޭނެ: މައުރޫފު

ނ. މާފަރު އެއާޕޯޓުގެ މަސައްކަތް ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅީން ނިމި 2016 ވަނަ އަހަރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ. މައުރޫފު މިހެން ވިދާޅުވީ ނ. ވެލިދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން މާދަމާ އޮންނަ އިރު، ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު އަލީ މުޖުތަބާ އަށް ތާއީދު ހޯދުމަށް، ވެލިދޫގައި ހުންނަ އެމްޑީއޭގެ އޯކިޑް ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް ކުރައްވާ ފަރާތާ ހަވާލާދެއްވައި، މައުރޫފު ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ވެސް ފެށިގެން ދާނޭ ކަމަށެވެ. އެ ގޮތުން މަސައްކަތް ފެށޭތާ 18 މަސް ދުވަހުގެ ތެރޭގައި މުޅީން ނިންމައިލެވޭނެ ކަމަށް އެ އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރާ ކުންފުނި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ޗެއާމަން ހާމިދު އިސްމާއިލް ވިދާޅުވެފައިވާ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ނ. އަތޮޅުގެ ރައްޔިތުން އުދުހޭ މަންޒަރު ދެކެން. މި ސަރުކާރުން ބޭނުންވަނީ ނ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަމާ ހިތްހަމަޖެހުން ގެނެސްދޭން. އެކަމަށް ޓަކައި ކުރާން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން،" މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ އެ އިރަކު އޮންނަ ސަރުކާރަކާ ގުޅިގެން އެ ސަރުކާރެއްގެ ތެރެއިން ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ރައްޔިތުންވެސް އެ ހަގީގަތް ގަބޫލުކުރައްވައިފައިވާ ކަމަށާއި އޭގެ ހެއްކަކީ ސަރުކާރު ކޯލިޝަނަށް ތާއީދު ކުރައްވާ މެންބަރުން ރާއްޖޭގެ ގިނަ ދާއިރާތަކުން ރައްޔިތުންގެ މަޖިލީހަށް ހޮއްވެވުން ކަމަށް މައުރޫފު ވިދާޅުވި އެވެ.

"ރައްޔިތުން ވެސް މިއަދު ގަބޫލުކުރައްވާ ތަރައްގީ ގެނެވޭނީ، ރައްޔިތުންގެ ކަންކަން ކުރެވޭނީ ސަރުކާރާ ގުޅިގެން އެކުގައި މަސައްކަތް ކޮށްގެންކަން. ސަރުކާރާ ގުޅުމެން ނެތި ނުވަތަ އުނދަގޫކޮށްގެން ކަންކަން ކުރާން އުޅުމުން ކުރިމަތިވާ ނަތީޖާ ވެސް ރައްޔިތުން ވަނީ ދެކިފަ. އެއިރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް ނުކުމެ ދަތިކުރުމުން އޭގެން ލިބެނީ ގެއްލުމާ ހަލާކުކަން މިއަދުގެ ރައްޔިތުން ފިސާރި ރަނގަޅަށް ދަނޭ،" އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވީ ވެލިދޫ ގެ ތަރައްގީ އާއި ނ. އަތޮޅުގެ ތަރައްގީ ވެސް ގުޅިފައި ވަނީ ސަރުކާރަށް ލިބޭ އެއްބާރުލުމާއި އެހީތެރިކަމުގެ މައްޗަށް ކަމަށެވެ. އެހެން ކަމުން މާދަމާ އޮންނަ ވެލިދޫ ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީއޭގެ ފަރާތުން ނުކުންނަ ކޯލިޝަން ކެންޑިޑޭޓް ހޮއްވަވައިދެއްވައި، އެ ކައުންސިލްގެ މެޖޯރިޓީ ސަރުކާރަށް ހޯއްދަވައިދެއްވުމަށް ވެލިދޫ ރައްޔިތުންގެ ކިބައިން މައުރޫފު އެދިވަޑައިގެންނެވި އެވެ.

ރޭގެ ޖަލްސާގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ރަފިއްޔާ ވަނީ އަންހެނުންގެ ތަރައްގީ އަށް އެކިއެކި ދާއިރާތަކުން ހުރި ދަތިތަކާއި އުނދަގޫތަކަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެ ގޮތުން ރަށާއި އަތޮޅާއި ގައުމީ ތަރައްގީގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ތަރައްގީކޮށް ތައުލީމީ ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ އަންހެނުން ކުރީ ސަފަށް ނުކުމެ ހިތްމަތާ އެކު މަސައްކަތް ކޮށްގެން ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

ރަފިއްޔާ ވިދާޅުވީ މިހާ ތަނަށް އައި އިރު، އަންހެނުންނަށް ބޭނުންވާ ފުރުސަތުތައް އެންމެ ފުރިހަމަ ގޮތުގައި ފަހިކޮށްދެވިފައި ނެތުމުގެ ސަބަބުން އެކަނބަލުންގެ ހައްގުތައް ހޯދައިދެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު މި އޮތް ސަރުކާރަކީ އަންހެނުންގެ ކަންތައް ތަކަށް ޚާއްސަ އިސްކަމެއް ދެއްވާ ސަރުކާރެއް ކަމަށާއި އަންހެނުންގެ ހަގީގީ މަގާމު އެބޭފުޅުންނަށް ހޯދައިދޭން މި ސަރުކާރުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގަ އަންހެނުންނަށް ބޭނުންވާ ތަރައްގީ ގެނެވޭނީ ސަރުކާރާ ގުޅިގެން ސަރުކާރު ތެރެއިން. ސަރުކާރަށް އެއްބާރުލުން ދީގެން. އެހެންކަމުން ވެލިދޫގެ އެންމެހާ އަންހެން ބޭފުޅުންނަށް އަޅުގަނޑު މި ގޮވާލަނީ އަންހެނުންނަށް ބޭނުންވާ ތަރައްގީ އާއި ފުރުސަތުތައް ފަހިކޮށްދިނުމަށް ޓަކައި ވެސް މާދަމާ މި ބާއްވާ ބައި އިލެކްޝަންގައި އެމްޑީއޭގެ ފަރާތުން ވާދަކުރައްވާ ކޯލިޝަން ކެންޑިޑޭޓް ހޮއްވަވައިދެއްވުމަށް. "ރަފިއްޔާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު