ބާސާގެ ކުޅުންތެރިންނަކީ މެޝިންތަކެއް ނޫން: ލުއިސް އެންރިކޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސައިޕްރަސްގެ އެޕޮއެލްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާ ދައްކާފައިވާ ކުޅުން ކަމުނުދާކަމަށް ގިނަ ބަޔަކު ވާހަކަ ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ޓީމުގެ ކުޅުންތެރިންނަކީ މެޝިންތަކެއް ނޫން ކަމަށް ބާސާގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.

ގްރޫޕް ސްޓޭޖްގައި ބާސާ ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި މޮޅުވެފައި ވީ ނަމަވެސް ގިނަ ބަޔަކު އެ ޓީމުގެ ކުޅުމާ މެދު ހިތްހަމައެއް ނުޖެހެއެވެ. އެންމެ ލަނޑަކާއެކު ނިމިގެންދިޔަ އެ މެޗުގައި ބާސާއަށް ލަނޑު ޖަހައިދިނީ އެ ޓީމުގެ ޑިފެންޑަރު ޖެރާޑު ޕިކޭ އެވެ.

ކުރިން ބާސާގެ ކޯޗުކަމުގައި ހުރި ޖެރާޑޯ މާޓީނޯގެ ބަދަލުގައި އެ މަގާމަށް އެންރިކޭ އައިފަހުން ޓީމަށް ވަނީ ނުވަ ބަދަލެއް ގެނެސްފައެވެ. އެ ބަދަލުތަކާ އެކު އެޓީމުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ލަލީގާގައި އެތުލެޓިކް ބިލްބާއޯ 2-0 އިން ބަލި ކޮށްފައި ވެއެވެ.

އެންރިކޭ ބުނީ މެޗު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ބާސެލޯނާއަށް އެ މެޗު އުނދަގޫވި ސަބަބު ހޯދަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ ކުޅުންތެރިންގެ އެހީގައި އަހަރެމެންނަށް މޮޅު ވެވޭނެ ކަން އެނގޭ. ފުރަތަމަ އަހަރެމެން ބަލަންވީ އެ މެޗުގައި ޓީމަށް އުނދަގޫތަކެއް މެދުވެރިވި ސަބަބު. ޓީމުގެ ކުޅުންތެރިންނަކީ މެޝިންތަކެއް ނޫން. އެމީހުން ފިޓުވާން ޖެހޭކަން އެނގޭ. އެކަމު އަދި އެމީހުން ރަނގަޅު ކުރާނެ،" އެންރިކޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ބާސާ ދެން ނުކުންނާނީ މި މަހު 30 ވަނަދުވަހު ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާ ދެކޮޅަށެވެ. ޕީއެސްޖީ ވަނީ ގްރޫޕް ސްޓޭޖްގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން އަޔެކްސްއާ ވާދަކޮށް 1-1 އިން އެއްވަރު ވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު