އާސެނަލްގެ ޑެބޫޝީ ހަ ހަފްތާއަށް ކުޅުމާ ދުރަށް

ލަންޑަން (ސެޕްޓެމްބަރު 19) - އާސެނަލްގެ ކަނާތު ބެކް މެތިއު ޑެބޫޝީގެ ތަނބިކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަ ހަފްތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޑެބޫޝީގެ ފަޔަށް އަނިޔާވީ، ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 2-2 ލަނޑުން އާސެނަލް އެއްވަރުވި މެޗުގައެވެ. އެ ކްލަބުން ބުނެފައިވަނީ، ޑެބޫޝީގެ ތަނބިކައްޓަށް ލިބިފައި ވަނީ ކިހާ ސީރިއަސް އަނިޔާއެއްތޯ ބެލުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށެވެ.

އާސެނަލްގެ ކޯޗު މިއަދު ބުނެފައިވަނީ، ސާޖަރީއެއް ކުރަން ނުޖެހޭ ނަމަ ޑެބޫޝީއަށް ހަ ހަފްތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށާއި ސާޖަރީއެއް ކުރަން ޖެހިއްޖެ ނަމަ ތިން މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ޑެބޫޝީއަށް ކުރިމަތިވި އަނިޔާގެ ސަބަބުން، އަންނަ މަހު ޕޯޗުގަލްއާއި އަރްމީނިއާއާ ދެކޮޅަށް ފްރާންސް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ފްރާންސް އިންޓަނޭޝަނަލްއަށް ދިމާވި މި އަނިޔާގެ ސަބަބުން، އާސެނަލްގެ ސީނިއާ ރައިޓް-ބެކުގެ ޒިންމާ ނޮވެމްބަރު މަހާ ހަމައަށް އުފުލަން ޖެހޭނީ، އިނގިރޭސި ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ކޭލަމް ޗެމްބާސް އެވެ.

ނިއުކާސަލް ޔުނައިޓެޑްގައި ހުއްޓައި އުމުރުން 29 އަހަރުގެ ޑެބޫޝީ، 12 މިލިއަން ޕައުންޑުގެ ފީއަކަށް އާސެނަލަށް ގެނައީ މި ސީޒަނަށް އެ ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން މިއަހަރުގެ ޖުލައިމަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު