ވެލިދޫ އާއި ނ. އަތޮޅުގެ ތަރައްގީ އަށް ޓަކައި އެމްޑީއޭ ގެ ކެންޑިޑޭޓް ހޮވުން މުހިންމު: ޑރ. މުއިއްޒު

ނ. ވެލިދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން މާދަމާ އޮންނަ އިރު، އެމްޑީއޭގެ ފަރާތުން ކުރިމަތިލައިފައިވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު އަލީ މުޖުތަބާ ހޮވުމަކީ އެ ރަށާއި ނ. އަތޮޅުގެ ތަރައްގީއަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަން ގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވެލިދޫގައި ހުންނަ އެމްޑީއޭ އޯކިޑް ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމުގައި އެ ރަށެއްގެ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުމަކީ މިހާރު ކޮންމެހެން ވެސް މުހިންމު އެއްޗެއް ކަމަށާއި އެ އެއްބާރުލުން ނުލިބޭ ނަމަ ތަރައްގީ އަށް ހުރަސް އެޅޭނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ނ. އަތޮޅުގެ ތަރައްގީ އަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެހެން ކަމުން އެ އަތޮޅުގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން ސަރުކާރުން ހިންގާން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. މަދު ބަޔަކު އަމިއްލަ ސިޔާސީ ބޭނުމެއްގައި ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ ނަތީޖާއެއްގެ ގޮތުން އާޚިރުގައި ގެއްލުން ލިބެނީ ރައްޔިތުންނަށްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ ވެލިދޫގެ ތަރައްގީއާ ގުޅިފައިވާ ވަރަށް ގިނަ ކަންކަން ދާން ޖެހޭ ހަލުއިމިނުގައި މިހާތަނަށް ވެސް ކުރިޔަށް ގެންދެވިފައި ނުވަނީ އެ ރަށު ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން އެންމެ އެދެވޭ ގޮތުގައި ނުލިބުމުގެ ސަބަބުން ކަމަށެވެ. އެ ގޮތުން ވެލިދޫ ބަނދަރުގެ މަސައްކަތާއި ގޯތި ދޫކުރުމުގެ މައްސަލަ ވެސް އެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ލަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހައުސިން މިނިސްޓަރު އިތުރަށް ވިދާޅުވީ ވެލިދޫ ބަނދަރު ބޮޑު ކުރުމާއި ފުން ކުރުމާއި އަދިވެސް އެ ބަނދަރު އިތުރަށް ފުރިހަމަ ކުރާން ބޭނުންވާ ފައިސާގެ ތެރެއިން ހަތަރު މިލިއަން ޑޮލަރު އައިޑިޕީގެ އެހީގައި ހަމަޖެހިފައިވާ ކަމަށެވެ.

"ސަރުކާރު ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވައިފައިވާ އެމްޑީއޭގެ ކެންޑިޑޭޓް ވެލިދޫ ކައުންސިލަށް ހޮވުމުން އެ ކައުންސިލްގެ މެޖޯރިޓީ އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑު އުއްމީދުކުރަނީ އެހާ ހިސާބުން ވެލިދޫގެ ތަރައްގީއާ ގުޅިފައިވާ މުހިންމު ބޮޑެތި ކަންކަން ލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށް. އެގޮތުން ވެލިދޫ ބަނދަރުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން." ޑރ. މުއިއްޒު ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލްގައި މިހާރު ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުންނާއި ޕީޕީއެމް އަށް ނިސްބަތްވާ ދެ މެންބަރުންނެވެ. މާދަމާ ބާއްވާ ބައި އިލެކްޝަން އަކީ އެ ކައުންސިލްގައި ކުރީން ހިމެނިވަޑައިގެންނެވި އެމްޑީޕީ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިލެކްޝަން އެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު