ބަޣްދާދުގައި ކާރުބޮންތަކެއް ގޮއްވާލުމުގެ ސަބަބުން 23 މީހުން މަރުވެއްޖެ

ބަޣްދާދު (ސެޕްޓެމްބަރ 19) : އިރާގުގެ ވެރިރަށް ބަޣްދާދުގެ އަލްކާޟިމިއްޔާ އަވަށުގައި ސިލްސިލާ ގޮތެއްގައި ތިން ކާރުބޮން ގޮއްވާލުމުގެ ސަބަބުން 23 މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އިރާގުގެ އަމަނާ ބެހޭ ދާއިރާތަކުން ބުނީ މިއީބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ޓެރަރިސްޓް ޙަމަލާތަކެއް ކަމަށް ބެލެވޭކަމުގަ އެވެ. މިޙަމަލާތައް ދިން އަލްކާޟިމިއްޔާ އަވަށަކީ ޝިޔަޢީންގެ އަޣްލަބިއްޔަތު އޮންނަ އަވަށެކެވެ. ބަޣްދާދުގެ ޝިޔަޢީންގެ އަޣްލަބިއްޔަތު އޮންނަ އަވަށްތަކާއި ސަރަހައްދުތަކުގައި ބޮން ގޮއްވުމަކީ އިރާގުގައި ހިނގަމުންދާ މަޛްހަބީ ތަޅާފޮޅުންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިނގަމުންދާ ކަމެކެވެ. މިފަދަ ޙަމަލާތަކުގައި ވަރަށް މަދު ދުވަހެއްގައި މެނުވީ އިރާގުގެ އެތައް ބަޔަކު މަރުވެ ޒަޚަމްވެ މާއްދީ އެތަށް ގެއްލުންތަކެއް ލިބެމުންދެ އެވެ.
އިރާގުގެ އަަމަނާ ބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިއްޔެގެ މިޙަމަލާތަކުގެ ފަހަތުގައި ވަނީ އިރާގުގެ ސުންނީ ހަނގުރާމަވެރި ޖަމާއަތްތަކެވެ. ޝިޔަޢީންނަށް އަމާޒުކޮށް ހިންގަމުން ގެންދާ ބޮންގޮއްވުމުގެ މިފަދަ ހަމަލާތަކުގެ ފަހަތުގައިވާ ކަމަށް އިރާގު ސަރުކާރުން އެންމެ ބޮޑަށް ޝައްކު ކުރަނީ އެގައުމުގެ އުތުރާއި ހުޅަނގުގެ ބޮޑުބައެއް ހިފައިގެން އުޅޭ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށެވެ. އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭގައި ސައްދާމް ޙުސައިންގެ ބަޢްޘު ޕާޓީގެ މެންބަރުންނާއި ސައްދާމްގެ ދުވަސްވަރު އިރާގުގައި އެންމެ ބާރުގަދަ ލަޝްކަރުގެ ގޮތުގައި އޮތް ޖުމްހޫރީ ލަޝްކަރުގެ ސިފައިން ހިމެނޭ ކަމަށްވެ އެވެ.

އިރާގުގެ ސިފައިން މިހާރު ގެންދަނީ އައިއެސް އިން ހިފާފައިވާ އިރާގުގެ އުތުރުގެ ސަރަހައްދުތުގައިވާ އެޖަމާއަތުގެ މަރުކަޒުތަކަށާއި ހަނގުރާމަވެރިން އެއްވެ ތިބޭ ތަންތަނަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. ބަޣްދާދުގައި އިއްޔެ ގޮއްވާލި ކާރުބޮންތަކަކީ އިރާގު ސިފައިންގެ މިހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާތަކެއް ކަމަށްވެދާނެ ކަމަށް ވެސް އިރާގުގެ އަމަނާ ބެހޭ ދާއިރާތަކުން ލަފާކުރެ އެވެ. ބަޣްދާދުގެ އަލްކާޟިމިއްޔާ އަވަށުގައި އިއްޔެ ގޮއްވާލި ކާރުބޮމުގެ ޙާދިސާތަކަށް ފަހު އެ ސަރަހައްދަށް މޯޓަރު ބަޑީގެ ޙަމަލާތަކެއް ވެސް އަރާފައިވާ ކަމަށް އިރާގުގެ އަމަނާ ބެހޭ ދާއިރާތަކުން ބުނެ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު