ޙައްޖުވެރިންގެ ތެރޭގައި ނުރައްކާތެރި ރޯގާއެއް ނެތް: ސައޫދީ ސަރުކާރު

މާތްވެގެންވާ މައްކާ (ސެޕްޓެމްބަރ 19) : ހައްޖުމޫސުމަށް ތައްޔާރުކުރަންޖެހޭ ސިއްހީ ޚިދްމަތްދޭ މަރުކަޒުތައް ތައްޔާރުކޮށްނިމި ހިންގަންޖެހޭ ސިއްހީ ޕްރޮގްރާމްތައް މައްކާގައާއި މަދީނާގައި ހިންގަން ފަށާފައިވާ ކަމަށާއި ނުރައްކާތެރި ރޯގާއެއް ހައްޖުވެރިންގެ ތެރޭގައި ފެތުރެމުން ނުދާކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

ސައޫދީ ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނީ މައްކާއާއި މަދީނާގައި ސިއްޙީ ޚިދްމަތްދޭ އެތަށް ސަތޭކަ މަރުކަޒެއް މިހާރު ހުޅުވާފައިވާނެ ކަމަށާއި މީގެ އިތުރުން ޙައްޖުވެރިންނަށް ޚާއްސަ ހޮސްޕިޓަލްތައް ވެސް ތައްޔާރީ ޙާލަތަށް ގެނަސްފައިވާނެ ކަމުގަ އެވެ. އެ ވުޒާރާ އިން ބުނީ ހައްޖުވެރިންގެ ތެރޭގައި އެއްވެސް ރޯގާއެއް އަދި ބަލިމަޑުކަމެއް ފެތުރެމުން ދޭތޯ ބަލަމުންގެންދާ ކަމަށާއި މިހާތަނަށް މިފަދަ އެއްވެސް ރޯގާއެއް އަދި ބަލިމަޑުކަމެއް ހައްޖުވެރިންގެ ތެރޭގައި ފެތުރެމުންނުދާ ކަމުގަ އެެވެ.

ސައޫދީ ސިއްހަތާ ބެހޭ ވުޒާރާ ހިންގުމާ ޙަވާލުވެ ހުންނެވި އާދިލް ބިން މުހައްމަދު ފަގީހް ވެސްވަނީ ސައޫދީ މީޑިޔާއަށް ދެއްވި ބަސްދިގަތުމެއްގައި ހައްޖުވެރިންގެ ތެރޭގައި އެއްވެސް ނުރައްކާތެރި ރޯގާއެއް އަދި ބަލިމަޑުކަމެއް ފެތުރެމުން ނުދާ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ. މިފަހަރުގެ ހައްޖުމޫސުމަކީ ވެސް ކުރީގެ ހައްޖު މޫސުންތަކެކޭ އެއްގޮތަށް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ސަލާމަތްވެފައިވާ ހައްޖު މޫސުމަކަށް ހެދުމަށް ކުރެވެން އޮތްހާ މަސައްކަތެއް ސައޫދީ ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވެސް އާދިލް ބިން މުހައްމަދު ފަގީހް ވިދާޅުވި އެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި މިލިޔަނެއްހާ މުސްލިމުން މާތްވެގެންވާ މައްކާގެ މުގައްދަސް ބިންތަކަށް އައިސްފައިވާ ކަމަށްހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ އިން ބުނެ އެވެ. އަދި ހައްޖުވެރިންގެ ގިނަ މީހުން ހަރަކާތްތެރިވަމުން ދަނީ އުމުރާގެ އަޅުކަން އަދާކުރުމަށް ފަހު މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތަށް (މަސްޖިދުއްނަބަވީއަށް) ޒިޔާރަތް ކުރުމުގައި ކަމަށާއި ހައްޖު މޫސުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެ ނިމިފައިވާ ކަމަށް އެވުޒާރާއިން ބުނެ އެވެ. (ސައޫދީ މީޑިޔާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު