ސްކޮޓްލޭންޑް އިނގިރޭސި އިއްތިހާދާ ވަކިވާން ފާހެއް ނުވި

ޔުނައިޓެޑް ކިންގްޑަމް ( ޔޫކޭ) އިން ވަކިވެ، މިނިވަން ދައުލަތަކަށް ވާން ފެނޭތޯ ނުވަތަ ނޫންތޯ ސްކޮޓްލޭންޑްގައި އިއްޔެ ނެގި ވޯޓްގައި ވަކިވާން ނުފެންނަ ކަމަށް ފާސްވެއްޖެ އެވެ.

އިއްޔެ ވޯޓް ނެގި 32 އިލެކްޓޯރަލް ސެންޓަރުގެ ތެރެއިން 26 ސެންޓަރެއްގެ ނަތީޖާ ލިބުނު އިރު ސްކޮޓްލޭންޑް ޔޫކޭއާ ވަކިވާން ފެންނަ ކަމަށް ލިބިފައި ވަނީ 46 ޕަސެންޓް ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ. ވަކިވާން ނުފެންނަ ކަމަށް ލިބިފައި ވަނީ 54 ޕަސެންޓެވެ.

އިނގިރޭސިވިލާތުގެ އިއްތިހާދުގެ ބައެއްގެ ގޮތުގައި ސްކޮޓްލޭންޑް އޮންނަތާ 307 އަހަރު ވެފައިވާއިރު، އެ ދެގައުމު ވަކި ކޮށްލައި، މިނިވަން ދައުލަތަކަށް ސްކޮޓްލޭންޑް ހެދުމަށް ކެމްޕޭންކުރި ފަރާތްތަކުން މިހާރު ބަލި ގަބޫލުކޮށްފައިވާ ކަމަށް ވެސް އޭޕީ ބުންޏެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުލުން ނިމުމާއެކު ވޯޓް ގުނަން ވަނީ ފަށާފައެވެ. ނަތީޖާގެ އިންތިޒާރުގައި ސްކޮޓްލޭންޑްގެ ގިނަ ބަޔަކު ރޭ އުޅުނީ ހޭލައެވެ.

ސްކޮޓްލޭންޑް ޔޫކޭއާ ވަކިވުމަށް ފެންނަ ކަމަށް ވޯޓް ނުދިނުމަށް އެދިވަޑައިގެން ޔޫކޭގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އާއި ރާނީ އެލިޒަބަތް (ދެވަނަ) އާއި އެގައުގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ސްކޮޓްލެންޑްގެ ރައްޔިތުންނަށް އެތައް ފަހަރަކު އާދޭސް ކުރައްވައިފައެވެ. ނަމަވެސް ސްކޮޓްލެންޑްގެ ބޮޑުވަޒީރު އެލެކްސް ސެލްމޮންޑް ވަނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ވޯޓު ދިނުމަށާއި މިނިވަންކަން އިޚްތިޔާރު ކުރުމަށް އިސްކަންދިނުމަށް ސްކޮޓްލެންޑްގެ ރައްޔިތުންނަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވެފައި ވަނީ މިއީ މިނިވަންކަން އިޢްލާން ކުރުމަށްލިބޭ ތާރީޚީ ފުރުސަތު ކަމަށާއި މި ފުރުސަތުގެ ބޭނުން ނުހިފިއްޖެ ނަމަ ފަހުން ހިތާމަކުރަން ޖެހޭނެ ކަމުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު