ބޯހިމެނުމުގައި ބައިވެރިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ދިވެހިރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ސްރީލަންކާއަށާއި ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ދެއްވި ޚާއްސަ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ މާދަމާ ފަށާ ބޯހިމެނުމުގައި ބައިވެރިވެ ހުރިހާ ރައްޔިތުން ވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިމެނުމަކީ ހަމައެކަނި ސަރުކާރުގެ ބޭނުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބޯ ހިމަނާ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބޯ ހިމަނަނީ މިދެންނެވި ގޮތަށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިޖުތިމާއީ ޕޮލިސީ އާއި އިގްތިސޯދީ ޕޮލިސީ ބައްޓަން ކުރަނީ ކިހިނަކުން ކަން ދެނެގަތުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އިޖުތިމާއީ ސިޔާސަތު ބައްޓަންވެފައި އޮތީ ރައްޔިތުންނަށް އަޅާލުމުގެ މައްޗަށް ކަމަށާއި އެހެންކަމުން އާބާދީ ދޮށި ވަމުންދާ މިންވަރު އެނގިގެން ނޫނީ ދޮށިވަމުންދާ އާބާދީގެ ބަލިތައް ދަނެގަނެ، އެބަލިތަކަށް ފަރުވާދިނުމަށްޓަކައި ސިއްހީ ދާއިރާގައި ހުރި ވަސީލަތްތައް 'އެންޕަވާ' ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާން އާބާދީ އިތުރުވާ މިންވަރު އެނގިގެން ނޫނީ ބޮޑެތި މަސައްކަތްތައް ގެންދަންވީ ދާއިރާތައް ކަނޑައަޅަން ފަސޭހަ ނުވާނެ ކަމަށެވެ.

ބޯހިމެނުމުން ގޭބިސީތަކުގައި މީހުން ތޮއްޖެހިފައިވާ މިންވަރާއި އެންމެ ބޮޑަށް ތޮއެޖެހިފައި ވަނީ ކޮން ސަރަހައްދެއްގައިކަން އެނގިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަސޭހަވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު