'ފޭސްބުކް'ގައި އެންމެ މަގުބޫލު ރާއްޖޭގެ އޮންލައިން ނޫހަކަށް 'ސަން'

ސަން އޮންލައިންގެ ފޭސްބުކް ޕޭޖަށް މިރޭ ވަނީ 100،000 އަށް ވުރެ ގިނަ 'ލައިކްސް' ލިބިފަ އެވެ. އެގޮތުން ސަން އޮންލައިން މިވަނީ، ރާއްޖޭގެ އޮންލައިން ނޫސްތަކުގެ ތެރެއިން ފޭސްބުކްގައި އެންމެ މަގުބޫލް އޮންލައިން ނޫހަށް ވެފަ އެވެ. މިރޭ 11:30އާ ހަމައަށް ފޭސްބުކް ޕޭޖް "ސަން.އެމްވީ"އަށް ވަނީ 100,090 ލައިކްސް ލިބިފަ އެވެ.

ސަން އޮންލައިންގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސްފައި ވަނީ، އާންމުންނާ ހަމައަށް ހަބަރުތަކާއި ފޮޓޯއާއި އެހެނިހެން މައުލޫމާތުތައް ވެސް ތާޒާކަމާ އެކު ވީއެންމެ އަވަހަކަށް ފޯރުކޮށްދޭތީ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ސަން މީޑީއާ ގްރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދުމާއެކު ވަކިފަރާކަށް ނުޖެހޭ ހަމަހަމަ ނޫސްވެރިކަމެއް ކުރުމަކީ ސަން މީޑިއާ ގްރޫޕުގެ މަގުސަދު ކަމަށާއި އަދި މިއަދު ސަން އޮންލައިނަށް މިފަދަ މަގުބޫލުކަމެއް ލިބުމުގެ ސިއްރަކީ ވެސް ދިވެހިން ސަން އޮންލައިނަށް ކުރައްވާ އިތުބާރު ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ، ރައްޔިތުންނަށް ބޭނުންވާނެ މުހިއްމު މައުލޫމާތުތައް އޭގެ އެންމެ ތާޒާކަމާ އެކު ފޯރުކޮށްދިނުމަށް. އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބެލީ، ތެދު މައުލޫމާތު އެންމެ އަވަހަށް ފޯރުކޮށްދޭ ނޫހަކަށް އަޅުގަނޑުމެން ވުމަށް،" ސިނާން އަލީ ވިދާޅުވި އެވެ.

ސަން އޮންލައިންގެ އެޑިޓާ އިން ޗީފް އަޙްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ސަން އިން ހޯދި ކާމިޔާބަކީ ސަން ޓީމްގެ ހިއްވަރާއި މަސައްކަތް ކަމަށާއި އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"އެއްޗެއް ނަގައި ކޮޅަށް ޖެހުމާ އެެއްވަރަށް އެ ހިދުމަތެއް އެ ފެންވަރުގައި ދެމެހެއްޓުމަކީ އެންމެ އުނދަގޫ އަދި އެންމެ ބުރަ މަސައްކަތް. ސަންގެ ޓީމުގެ ފަރާތުން އަޅުގަނޑު އެދެނީ އެކަންތައް ކޮށްދެއްވުމަށް،" ހިރިގާ ވިދާޅުވި އެވެ. "ސަންގެ ޓީމްގައި އެ ކެރުމާއި ހިއްވަރު ހުރިކަމަށް އަޅުގަނޑު ޔަގީން ކުރަން."

ހިރިގާ ވިދާޅުވީ ސަން މީޑީއާ އަށް ދިވެހި އެންމެހާ ފަރާތްތަކުންނާއި އަދި އެ ނޫން ފަރާތްތަކުން ވެސް ކުރައްވާ އިތުބާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ސަން އޮންލައިންގެ ފޭސްބުކް ޕޭޖަށް 100،000 ލައިކް ލިބުން ފާހަގަކުރުމުގެ ގޮތުން ސަން މީޑީއާ ގްރޫޕުން ވަނީ، "ސަން.އެމްވީ" އަށް އެއް ލައްކަ ވަނައަށް ލައިކް ދެއްވި ފަރާތް ފާހަގަކޮށް އެފަރާތަށް "އެޕަލް އައިޕެޑް މިނީ" އެއް ދިނުމަށް ނިންމައިފައެވެ.

ސަން އޮންލައިން ފޭސްބުކް ޕޭޖްގެ އިތުރުން ޓްވިޓާ މެދުވެރިކޮށް ވެސް ސޯޝަލް މީޑީއާގައި ސަން އޮންލައިންގެ ހަބަރުތައް ތާޒާކަމާއެކު ކިޔުންތެރިންނާ ހިއްސާ ކުރަމުން ގެންދެއެވެ. އަދި ހަމަ އެހެންމެ ސަން އޮންލައިންގެ އިނގިރޭސި އެޑިޝަން ވަނީ، ރާއްޖެއާ ބެހޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ވެސް ރާއްޖޭގެ އެންމެ މަގުބޫލު ނޫހަަށް ވެގެން ގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު