ސިވިލް ސާވިސްގެ ވަޒީފާ ދިނުމަށްފަހު ކުށުގެ ރެކޯޑު ސާފުކުރާގޮތަށް ހަމަޖައްސައިފި

ކުށުގެ ރެކޯޑު ސާފުކުރަންޖެހޭނީ ވަޒީފާ ދިނުމަށްފަހުގައި ކަމަށް ސިވިލްސާވިސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.

ސިވިލްސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެގޮތަށް ހަމަޖައްސާފައި ވަނީ އެ ފޯމް ހުށަހެޅުމަށް ދިގުމުއްދަތެއް ހޭދަވާތީ އެކަމުގެ ސަބަބުން ވަޒީފާތަކަށް މީހުން ނެރުމުގައި އެކަށީގެންނުވާ ދިގުމުއްދަތެއް ހޭދަވާތީ ކަމަށެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ ވަޒީފާ ދިނުމުގައި ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

މިގެނެވުނު ބަދަލާއެކު ވަޒީފާ ދޭ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ފުރިހަމަ ކުރުމަށްފަހު ވަޒީފާ އަދާކުރާ އޮފީހަށް ހުށަހަޅަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކުށުގެ ރެކޯޑު ސާފުކުރުމުގައި މީގެކުރިން ގިނަ ދުވަސްތަކެއް ނެގިކަމުގައި ވިޔަސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެކަން ކުރެވޭނެ އިންތިޒާމް ޖައްސާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ ކުށުގެ ރެކޯޑު ސާފުކުރުމަށް މީގެކުރިން ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަކުރަންޖެހުނު ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކުރެވޭނެ ނިޒާމެއް އެ ކޯޓުގައި މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު