ޖިހާދީ ޖަމާއަތްތަކާ ގުޅުން ހުރި 24 މީހަކު ރާއްޖޭގައި އުޅެދާނެ ކަމަށް ބެލެވޭ: ފުލުހުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޖިހާދީ ގުރޫޕްތަކާ ގުޅުން އޮތް 24 ވަރަކަށް މީހުން ރާއްޖޭގައި އުޅެދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ޖިހާދީ ޖަމާޢަތްތަކާ މެދު ގުޅުން އޮންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ ފުލުހުންގެ އިދާރާ އިން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނަޝީދު ދެއްކެވި ވާހަކަތަކުގެ ހަގީގަތެއްވޭތޯ ބެލުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖިހާދީ ޖަމާޢަތްތަކާއި ސަލާމާތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޖިހާދީ ގުރޫޕްތަކާ ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެމެދު ގުޅުން އޮންނަ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެން ބެލިބެލުމުން ރާއްޖޭގައި އެފަދަ ޖަމާޢަތްތަކާ ގުޅުން ހުރި ސައުވީހަކަށް މީހުން އުޅެދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އޭގެތެރޭގައި އެއްވެސް ފުލުހަކު ހުރިކަން އެނގޭކަށް ނެތެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު، އިނގިރޭސި ވިލާތުގައި ނުކުންނަ ދަ އިންޑިޕެންޑެންޓް ނޫހަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކަކީ އެއްވެސް ޙަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖެ އިން ބޭރުގައި އަދި ރާއްޖޭގައި ވެސް އެގޮތަށް ވާހަކަފުޅު ދައްކަވާފައިވުމަކީ ރާއްޖޭގެ އާއްމު މަސްލަހަތަށް ބުރޫއެރުމުގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި ރައްޔިތުންގެ ތާއީދު ހޯދުމަށް ނުވަތަ ސިޔާސީ މަގުޞަދެއް ޙާސިލްކުރުމަށް ނޫން ނަމަ ބޭރު ގައުމުތަކުގެ ރުހުން ހޯދުމަށް ނަމަވެސް ޙަގީގަތެއް ނެތް އެފަދަ ވާހަކަތައް ނުދެއްކުމަށް އެ އިދާރާ އިން ވަނީ ގޮވާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު