ޖިހާދީ ޖަމާއަތްތަކާއި ސަލާމަތީ ބާރުތަކާ ގުޅުން އޮންނަ ކަމަށް ނަޝީދު ވިދާޅުވި ވާހަކަތައް ފުލުހުން ދޮގު ކޮށްފި

ރާއްޖޭގެ ފުލުހުންނާއި ސިފައިންގެ އިސްމަގާމުތަކުގައި ތިބި މީހުންނާ ޖިހާދީ ޖަމާއަތްތަކާއި ދެމެދު "ވަރުގަދަ ގާތް ގުޅުމެއް" އޮންނަކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް ފުލުހުން ދޮގުކޮށްފި އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު، އިނގިރޭސި ވިލާތުގައި ނުކުންނަ ދަ އިންޑިޕެންޑެންޓް ނޫހަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށްބުނެ ފުލުހުން މިރޭ ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޖިހާދީ ގުރޫޕްތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާދެ މެދު ގުޅުން އޮންނަ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެން އެކަމުގެ ހަގީގަތް ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޖިހާދީ ގުރޫޕްތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެމެދު ގުޅުން އޮންނަކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެން ބެލިބެލުމުން ރާއްޖޭގައި އެފަދަ ޖަމާޢަތްތަކާއި ގުޅުންހުރި ސައުވީހަކަށް މީހުން އުޅެދާނެކަމަށް ލަފާކުރެވުނު ނަމަވެސް އޭގެތެރޭގައި އެއްވެސް ފުލުހަކު ހުރިކަން އެނގޭކަށް ނެތެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދި އެފަދަ ބަޔަކު ފުލުހުންގެ ތެރޭގައި އުފެދިގެން ދިޔަ ނުދިނުމަށް ފުލުހުންގެ ލީޑާޝިޕުން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައި ވެސް އެގޮތަށް ވާހަކަފުޅު ދައްކަވާފައިވުމަކީ ރާއްޖޭގެ އާއްމު މަސްލަހަތަށް ބުރޫއެރުމުގެއިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

"ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައިވެސް މިގޮތަށް ވާހަކަ ދައްކަވާފައިވުމަކީ ރާއްޖޭގެ ޢާއްމު މަޞްލަޙަތަށް ބުރޫއަރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ،" ފުލުހުންގެ ބަުާނުގައިވެ އެވެ.

ފުލުހުންގެ އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައްޔިތުންގެ ތާއީދު ހޯދުމަށް ނުވަތަ ސިޔާސީ މަގްޞަދެއް ހާސިލްކުރުމަށް ނޫން ނަމަ ބޭރު ގައުމުތަކުގެ ރުހުން ހޯދުމަށް ނަމަ ވެސް ހަގީގަތެއް ނެތް އެފަދަ ވާހަކަތައް ނުދެއްކެވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު