ކަރަންޓު ނެތުމުން ކޮޅުފުށީ ރައްޔިތުން ކަނު އަނދިރީގައި!

މ. ކޮޅުފުށިން ކަރަންޓް ކެނޑި ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ކޮޅުފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނައީމް މިރޭ "ސަން"އަށް ވިދާޅުވީ، އިންޖީނުގައި ހުންނަ ހޮޅިއެއް ފަޅައިގެންގޮސް މިއަދު އިރުއޮއްސި 6:30 ހާއިރު އެރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން "ކަނު އަނދިރީގައި" އެތައް ކަމަށް ދަތިވެފައިވާ ކަމަށާއި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް އަންނަ ކަމަށެވެ.

"މި ރަށު އިންޖީނުގޭގައި ހުންނަ ދެ ޖަނަރޭޓަރުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުލިބޭ. ނަމަވެސް ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފެނަކައިން ބޮޑު އިންޖީނުގެއެއް ހަދާފައި އެބަހުރި. ދާދި ފަހުން ހައުސިންނާއި ފެނަކައިން އައިސް އެތަން ބެލި. ނަމަވެސް އަދިވެސް އެތަން ފެނަކައަކަށް ހަވާލުވެ ހިންގާކަށް ނުފަށާ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރަށު އިންޖީނުގޭގައި ހުންނަނީ 140 އާއި 80 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ. ނަމަވެސް 140 ކިލޯވޯޓްގެ ޖަނަރޭޓާރަށް ލޯޑްވާތީ 100 ކިލޯވޯޓްގެ ކަރަންޓް ވެސް ނުނެގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކޮޅުފުށިން ކޮންމެ ހަފްތާއަކު ވެސް ދޭއް ނުވަތަ ތިން ފަހަރު ކަރަންޓް ކެނޑޭތާ މިހާރު ފަސް ވަރަކަށް މަސް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފެނަކައިގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް ރަށްރަށުގައި "24 ގަޑިއިރު ކަރަންޓު ޔަގީންކޮށް ދިނުމުގެ މަޝްރޫއު" ގެ ދަށުން ފެނަކައިން މިހާރު ވަނީ 77 ޖަނަރޭޓަރެއް ރާއްޖެއަށް ގެނެސްފަ އެވެ. އަދި އެ ޖަނަރޭޓަރުތައް ވަރަށް އަވަހަށް އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު