އާސެނަލްއާ ގުޅުމަކީ އޮޒިލް ހެދި ގޯހެއް: ބަލަކް

ޖަރުމަނުގެ މިޑްފީލްޑަރު މެސު އޮޒިލް، އާސެނަލްއާ ގުޅުމަކީ އޭނާ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް، ޖަރުމަނުގެ ކުރީގެ ކެޕްޓަން މައިކަލް ބަލަކް ބުނެފި އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޖަރުމަނުގެ ވަރުގަދަ ޓީމުގައި މޮޅުކުޅުމެއް ދެއްކި އޮޒިލްއަށް މިފަހަކަށް އައިސް އެއްވެސް މެޗެއްގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުން މެޗުން އާސެނަލް ބަލިވެފައި ވުމުން ވެސް ގިނަ ބަޔަކު ވަނީ އޮޒިލްގެ ކުޅުމާ ދޭތެރޭގައި ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ޕްރިމިއާ ލީގާ ގުޅުމަށްފަހު އެ މުބާރާތަށް ހޭނުމުގައި ދަތިތަކެއްހުރިކަން އަމިއްލައަށް ތަޖްރިބާކޮށްފައިވާ ޗެލްސީގެ ކުރީގެ ތަރި ބަލަކް ގަބޫލު ކުރާ ގޮތުގައި އާސެނަލްއާ ގުޅުނުފަހުން އޮޒިލްގެ ކުޅުމަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް މިހާތަނަށް އައިތަނެއް ނުފެނެއެވެ.

"އަހަންނަކަށް ނޭނގެ މިދިޔަ އަހަރު ރެއާލް މެޑްރިޑުން އާސެނަލްއަށް ބަދަލުވިފަހުން އޭނާއަށް މިވާގޮތެއް. ފަރުދާގެ ފުރަގަހުގައި ކޮންމެވެސް ކަމެއް ވާނެ. ދުނިޔޭގެ ޗެމްޕިއަން މެޑަލް އަތަށްލައިގެން ހުރި ކުޅުންތެެރި އެއްގެ ފަރާތުން ފެންނަން ޖެހޭފަދަ ކުޅުމެއް ނޫން އޭނާގެ ފަރާތުން އެ ފެންނަނީ. އެހުންނަނީ އިސްޖެހިފައި، އޭނާގެ ބޮޑީ ކެންގުއޭޖަށް އެއްވެސް ކުރިއެރުމެއް ނުލިބޭ،" ޗެލްސީގައި މޮޅުކުޅުމެއް ދެއްކި ހުނަރުވެރި މިޑްފީލްޑަރު ބުންޏެވެ.

ބަލަކް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އޮޒިލް ފަދަ ހުނަރުވެރި ކުޅުންތެރިއަކު ރެއާލް ފަދަ ކްލަބެއް ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ހިތްހަމަ ނުޖެހޭ ކަންތައްތައް ދިމާވި ނަމަވެސް އެކަމަށް ކެތްތެރިވެ، ކުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ކްލަބުގައި ހިތްހަމަ ނުޖެހޭފަދަ މައްސަލައެއް ދިމާވުމުން އެކަމާ ކުރިމަތިލާންޖެހޭނެ. މިހާރު މިވަނީ ހަމަ ކުރީގެ ހާލަތާ އެއްގޮތް ކަންތައްތަކެއް ދިމާވެފައި. އާސެނަލްގައި އޭނާއަށް ފާޑުކިޔުންތައް ކުރިމަތިވެފައި މިވަނީ. އެކަމަކު އޭނާގެ ފަރާތުން އެއްވެސް ރިއެކްޝަނެއް ނުފެނޭ،" ބަލަކް ބުންޏެވެ.

ބަލަކް ބުނީ، އޮޒިލް ކަހަލަ ހުނަރުވެރި ކުޅުންތެރިންނަކީ ކުރިމަތިވާ ފާޑުކިޔުންތަކަށް އެކުޅުންތެރިންގެ ހުނަރާއި ގާބުލުކަން ބޭނުންކޮށްގެން ރައްދުދޭ ބައެއް ކަމަށާއި އެކަމަކު އެފަދަ ހާލަތެއްގައި އެ ޓެކްނިކްތައް ބޭނުން ނުކުރެވުން އެއީ އޮޒިލްގެ ބަލިފައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު