ރާއްޖެއަށް މިފަހަރު ވެސް ސަރަހައްދުގެ ދެވަނަ

ފީފާއިން މިއަދު އާންމުކުރި ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ސާކު ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރޭންކިންގެ ދެވަނަ މިފަހަރު ރާއްޖެއަށް ލިބިއްޖެ އެވެ.

ވޭތުވެދިޔަ ދެ ފަހަރުވެސް ރާއްޖެ އޮތީ ސަރަހައްދުގެ ދެވަނައިގައެވެ. ދުނިޔޭގެ ރޭންކިންގައި ވެސް ރާއްޖޭގެ ރޭންކިންއަށް މިފަހަރު ބަދަލެއް އައިސްފައެއް ނުވެއެވެ. ދުނިޔޭގެ ރޭންކިންގެ 145 ވަނައިގައި ރާއްޖެ އޮތްއިރު އޭޝިއާގެ ގައުމުތައް ހިމެނޭ އޭއެފްސީގައި ރާއްޖެ އޮތީ 23 ވަނައިގައެވެ.

ސާކް ޒޯނުގެ އެއްވަނަ މަގާމަށް ވެސް މިފަހަރު ބަދަލެއް އައިސްފައެއް ނުވެއެވެ. ސަރަހައްދުގެ އެއްވަނައިގައި މިފަހަރުވެސް އޮތީ އަފްޣާނިސްތާން އެވެ. ދުނިޔޭގެ ރޭންކިންގެ 135 ވަނައިގައި އަފްޣާން މިފަހަރު އޮތީ ހަ ދަރަޖައިގެ ވެއްޓުމަކާ އެކުއެވެ.

ސަރަހައްދުގެ ތިން ވަނައިގައި އިންޑިއާ މިފަހަރު އޮތީ، ދުނިޔޭގެ ރޭންކިންގައި އަށް ދަރަޖައިގެ ވެއްޓުމަކާއެކު އެވެ. ސާކު ސަރަހައްދުގެ ހަތަރުވަނަ މިފަހަރު ލިބިފައިވާ ޕާކިސްތާނާއި، ހަވަނަ ލިބޭ ބަނގުލަދޭޝް ވަނީ ދުނިޔޭގެ ރޭންކިން ގައި 11 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އެގޮތުން ޕާކިސްތާން 175 ވަނައިގައި އޮތްއިރު ބަނގުލަދޭޝް އޮތީ 181 ވަނައިގައެވެ.

މި ސަރަހައްދުން މިފަހަރު ކުރިއެރުމެއް ހޯދާފައިވަނީ ފަސް ވަނައިގައި އޮތް ސްރީ ލަންކާ އެކަންޏެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ލަންކާ އޮތީ ދުނިޔޭގެ ރޭންކިންގެ 176 ވަނައިގައެވެ.

މިފަހަރު ރާއްޖެ ހިމެނޭ ސަރަހައްދުން ދުނިޔޭގެ ރޭންކިންގައި އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ނޭޕާލެވެ. މި ސަރަހައްދުގެ ހަތް ވަނައިގައި އޮތް ނޭޕާލް ވަނީ 17 ދަރަޖައިގެ ގެއްލުމަކާއެކު ދުނިޔޭގެ ރޭންކިންގެ 183 ވަނައަށް ގޮސްފައެވެ. ސަރަހައްދުގެ ފުލުގައި އެއްވެސް ކުރިއެރުމެއް ނުލިބި މިފަހަރުވެސް އޮތީ ދުނިޔޭގެ ރޭންކިންގެ ވެސް ފުލުގައި އޮތް ބޫޓާނެވެ.

ދުނިޔޭގެ ފުޓްބޯޅަ ރޭންކިންއަށް ބަލައިލާއިރު، ރޭންކިންގެ އެއްވަނައިގައި އޮތީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ. ދެވަނައިގައި އާޖެންޓީނާ އޮތްއިރު އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ކޮލަމްބިޔާ ވަނީ ތިން ވަނައަށް ޖެހިލައިފައެވެ. އެއް ދަރަޖައިގެ ވެއްޓުމަކާއެކު ހަތަރުވަނައިގައި ނެދަލޭންޑްސް، އޮތްއިރު ފަސް ވަނައިގައި އޮތް ކޮލަމްބިއާގެ ދަރަޖައަށް ބަދަލެއް ނާދެއެވެ.

ދުނިޔޭގެ ރޭންކިންގެ ގަދަ 10ގައި ހިމެނޭ އެހެން ގައުމުތައް ތަރުތީބު ކޮށްލާއިރު، ހަވަނައިގައި ބްރެޒިލް، ހަތްވަނައިގައި ޔުރުގުއާއީ، އެއާ ޖެހިގެން ސްޕެއިން ނުވަ ވަނައިގައި ފްރާސް އަދި 10 ވަނައިގައި އޮތީ ސްވިޒަލޭންޑެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު