ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތަށް ހާޒިރުވުމަށް ތިނަދޫ މީހުންނަށް ޗިޓު ފޮނުވަން ފަށައިފި

ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހާފައި --- ފައިލް ފޮޓޯ

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިދާރާއެއްގައި ހުޅުޖަހައި އަންދާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ޝަރީއަތަށް ހާޒިރުވާން ޗިޓު ފޮނުވަން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވީ ޝަރީއަތަށް ހާޒިރުވުމަށް އޭނާއަށް ވެސް ޗިޓު ފޮނުވާފައިވާ ކަމަށާއި އެ ޗިޓުގައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ކަމަށެވެ.

"މީގަ މިއިންނަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު. ދެން މިއޮންނަނީ ހާޒިރުކުރެވޭ ބޭނުމަކަށް ދައުލަތުން ދައުވާ ކުރާ ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ކަމަށް. ހާޒިރުވާން މި އިންނަނީ 30 ސެޕްޓެމްބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އޭނާގެ އިތުރުން ތިން ކައުންސިލަރަކާއި އެރަށުގެ އެތައް ބަޔަކަށް ޗިޓު ފޮނުވަމުން އަންނަ ކަމަށާއި އެއީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެމީހުން ކޯޓަށް ހާޒިރުވާ ދުވަހަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދުގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކައުންސިލަރު ގުސައްޔު އަބްދުﷲ އާއި އަލްމާސް ޒުހައިރާއި އަބްދުﷲ ސަނީފްގެ މައްޗަށެވެ.

ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ ޕޮލިސްޓޭޝަނާއި ތިނަދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

comment ކޮމެންޓް