ރެއާލުން ޔޫރަޕުގައި ޖެހި 1000 ވަނަ ލަނޑު ބެންޒީމާ ކާމިޔާބުކޮށްފި

ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުލަބް ކަމަށްވާ ޔޫރަޕުގެ ޗެންމްޕިއަން ރެއާލް މެޑްރިޑުން ޔޫރަޕުގައި ކާމިޔާބުކުރި 1000 ވަނަ ލަނޑު އެޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ތަރިި ބެންޒީމާ ކާމިޔާބު ކޮއްފި އެވެ.

މިލަނޑު ބެންޒީމާ ކާމިޔާބު ކޮށްފައި ވަނީ ޗެންޕިއަންސް ލީގުގައި އެފްސީ ބާސެލްއާ ދެކޮޅަށް ކުޅެ ރެއާލް 5-1 ލަނޑުން މޮޅުވި މެޗުގައެވެ. ރެއާލުން ޔޫރަޕުގައި ކާމިޔާބު ކުރި 800 ވަނަ ލަނޑު ޖަހައިފައިވަނީ މިހާރު އިނގިރޭސިވިލާތުގެ ޓޮޓްނެހަމް އަށް ކުޅެމުން އަންނަ ރޮބާޓޯ ސެލްޑާޑޯއެވެ. އެއީ 2005 ވަނަ އަހަރު އޮލިންޕިއާކޯސްއާ ވާދަކުރި މެޗުގައި ޑޭވިޑް ބެކަމް ނަގައިދިން ހުރަހަކުންނެވެ.

ރެއާލްމެޑްރިޑަށް ޔޫރަޕްގައި 800 ލަނޑު ޖެހިތާ 6 އަހަރުފަހުން 2011 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެޓީމަށް 900 ވަނަ ލަނޑު ޖަހައިދީފައެވެ. އެއީ ފްރާންސްގެ ލިޔޯންއާ ވާދަކޮށް 2-0 ލަނޑުން މޮޅުވި މެޗުގައެވެ.

ރެއާލް މެޑްރިޑަށް 700 ވަނަ ލަނޑު ޖަހަފައިދީގައި ވަނީ އެޓީމުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒްއެވެ. ރައުލްވަނީ ޔޫރަޕިއަން ޗެންޕިއަންސް ލީގުގައި 71 ލަނޑު ރެއާލް އަށް ކާމިޔާބުކޮށްދީފައެވެ. މިހާރު އެޓީމުގެ އެސިސްޓެންޓް އެއްކޯޗު ކަމުގައިވާ ކުރީގެ ކެޕްޓަން ފެނާންޑޯ ހެއިރޯ 1998 ވަނަ އަހަރު ބަޔާން ލެވަކޫސަންއާ ވާދަކޮށް 3-0 ލަނޑުން މޮޅުވި މެޗުގައި ވަނީ 600 ވަނަ ލަނޑު ޖަހައިފައެވެ.

ރެއާލްމެޑްރިޑުން އެންމެ ފުރަތަމަ ޔޫރަޕްގައި ލަނޑެއް ޖަހާފައިވަނީ 1955 ވަނަ އަހަރު ރަށުންބޭރުގައި ސުވިޒަލެންޑްގައި ސާވެޓްއާ ދެކޮޅަށް ކުޅުނު މެޗުގައި މިގުއަލް މުނޯޒްއެވެ. މުނޯޒްވަނީ ރެއާލްމެޑްރިޑާއެކު 9 ފަހަރު ލަލީގާގެ ތަށި ކާމިޔާބު ކޮށްފައެވެ.

ރެއާލްމެޑްރިިޑާ އެންމެކައިރިން ޔޫރަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ވާދަވެރި ބާސެލޯނާ އަތުގައަވެ. ބާސެލޯނާ ވަނީ 980 ލަނޑު ޖަހައިފައެވެ. ބަޔާން މިއުނިކުން ވަނީ 798 ލަނޑު ޖަހައިފައެވެ. ޔުވެންޓަސް އިން ވަނީ 736 ލަނޑު ޖަހައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު