އެސްއީޒެޑް ބޯޑަށް ލަފާދިނުމަށާއި ގަވާއިދުތައް ހެދުމަށް ނަޝީދާ ހަވާލުކޮށްފި

ސްޕެޝަލްސް އިކޮނަމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޯޑަށް ގާނޫނީ ލަފާ ދެއްވުމަށާއި އެބޯޑުން ހަދަން ޖެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާ ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ އެ މަގާމަށް ނަޝީދު ހަމަޖައްސާފައި ވަނީ އެބޯޑުުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެބޯޑްގައި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެބޯޑަށް އެ ހުރިހާ މަސައްކަތެއް ނަޝީދު ކޮށްދެއް ވާނީ ހިލޭ ސާބަހަށް ކަމަށް މުއާޒް ވިދާޅުވި އެވެ.

"ބޯޑުން ނިންމި ނިންމުން މުހައްމަދު ނަޝީދު ވެސް ވަނީ ގަބޫލުފުޅު ކުރައްވާފައި،" މުއާޒް ވިދާޅުވި އެވެ.

އެބޯޑުން ނަޝީދާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަކީ އެސްއީޒެޑް ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހެދުމަށާއި ބޯޑުގެ ހިންގާ ގަވައިދު ހެދުމުގެ އިތުރުން އެބޯޑަށް ދޭން ޖެހޭ ގާނޫނީ ލަފާތައް ދެއްވުމަށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެސްއީޒެޑް ބޯޑު ނުވަތަ ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ޗެއާމަންއަކީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އެވެ. އަދި ވައިސް ޗެއާމަނަކަށް ރައީސުލްހުމްހޫރިއްޔާ އައްޔަން ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެ ބޯޑުގައި ހިމެނޭ އަނެއް ތިން ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމުގެ އިތުރުން ޔޫތު މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު