އަޭޝިއަން ގޭމްސް:
އިންޑޮނޭޝިއާ އަތުން 4-0 އިން ރާއްޖެ ބަލިވެއްޖެ

ދެކުނު ކޮރެއާގައި ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމު ކުޅުނު ދެވަނަ މެޗުން އިންޑޮނޭޝިއާއާ ވާދަކޮށް 4-0 ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.

ކޮރެއާގެ އިންޗިއޯންގައި ކުޅުނު މި މެޗުގައި އިންޑޮނޭޝިއާއިން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި ކުރިހޯދައިފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އިންޑޮނޭޝިއާގެ ލެސްޓަހުލޫ ޖަހައިދިން ގޯލާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 އިން އިންޑޮނޭޝިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ރާއްޖޭގެ ޓީމުން ގޯލް ދިފާއުކުރުމަށް ވަރުގަދައަށް މަސައްކަތް ކުރި ކަމުގައި ވީނަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އިންޑޮނޭޝިއާއިން ރާއްޖޭގެ ކޮޅަށް ދެވަނަ ގޯލު ޖަހާފައި ވަނީ ދެވަނަ ހާފު ފެށިތާ ކައިރިގައެވެ. މެޗުގެ 49 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބު ކޮށްދިނީ އިންޑޮނޭޝިއާގެ ސިނަގާ އެވެ.

މެޗުގެ 57 ވަނަ މިނިޓްގައި ރާއްޖެ ކޮޅަށް ތިންވަނަ ގޯލު ސަންގިއާވަން ޖަހާފައިވާ އިރު އިންޑޮނޭޝީއާއިން ރާއްޖެކޮޅަށް ޖެހި ފަހު ގޯލު ޖަހާފައިވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ސިނާގާއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި މުބާރާތުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ޓީމު މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުން ރާއްޖެ ވަނީ ތައިލެންޑާ ވާދަކޮށް 2-0 ލަނޑުން ބަލިވެފައެވެ.

ރާއްޖޭގެ ޓީމު ދެން ކުޅޭ މެޗުގައި ނުކުންނާނީ މިމަހުގެ 22 ވަނަ ދުވަހު އީސްޓް ޓީމޯގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު