ކެރަމްގެ ތެރެއަށް ޒުވާނުން ނުކުތުމަށް އަދީބު ގޮވާލައްވައިފި

ކެރަމްގެ ތެރެއަށް ޒުވާނުން ނުކުތުމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ގޮވާލައްވައިފި އެވެ.

ރޭ ސަން އައިލޭންޑް ރެސޯޓް އެންޑް ސްޕާގައި ބޭއްވި ހަތަރު ވަނަ ކެރަމް ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ކެރަމަކީ ދިވެހިންނާ ވަރަށް ގުޅުންހުރި ކުޅިވަރެއް ކަމަށާއި ދިވެހިންގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މީހުން ކެރަމް ކުޅުމުގައި މަސްއޫލުވެ އުޅޭ ކަމަށެވެ.

"އަޅުގަނޑަށް ފަހަރެއްގައި ނޭނގިދާނެ ކެރަމްއާ ބެހޭ މައުލޫމާތުތައް. އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ ދިވެހީންގެ އާބާދީގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މީހުން ކެރަމް ކުޅުމުގައި އުޅޭކަން" މިނިސްޓަރު އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ ކެރަމް އިން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ނަން ފަވާލެވިގެންދާނެ ކަމަށާއި މިފަހަރުގެ ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުމުން ދިވެހި ކުޅުންތެރިންނަށް އެކުޅިވަރުގެ ތެރެއަށް ވަދެގެން ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

"މި ރީތި ކުޅިވަރުގައި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ނަތީޖާތައް ނެރެވިދާނެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުން ގިނަ ދިވެހި ކުޅުންތެރިން ކެރަމް ކުޅުމަށް ޝައުގުވެރިވެ ސީރިއަސް ފެންވަރެއްގައި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކަރުމަށް ހިތްވަރު ލިބިގެން ދާނެ،" މިނިސްޓަރު އަދީބު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަ ފުޅުގައި ރާއްޖޭގެ ކެރަމް އެސޯސިއޭޝަނަށާއި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އައިއެފްސީ އިން ކޮށްދެއްވި މަސައްކަތްތަކާއި ވެދެއްވި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރާ ކުރެއްވި އެވެ.
މިނިސްޓަރު އަދީބު ވަނީ އައިއެފްސީގެ ރައީސްކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޖޯސެފް މޭޔާ އަށް މަރުހަބާ ދަންނަވައިފައެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކެރަމް މުބާރާތުގައި މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ކުޅުންތެރިންނަށް ވުރެ ގިނަ ކުޅުންތެރިންތަކެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު އަދީބު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު