ޚާއްސަ އިގްތިސާދީ ސަރަހައްދެއްގެ ބޭނުމާއި ސަބަބަކީ ކޮބާ؟

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ކަމަށް ބުނުމުން ހީވަނީ އެއީ އަލަށް ތަޢާރަފްވަމުން އަންނަ އިޤްތިޞާދީ އާ ސިޔާސަތެއް ކަމަށެވެ. އެހެން ނަމަވެސް، މިޒަމާނުގައި މިހާރު ގާއިމުކުރެވޭ އެސްއީޒެޑްގައި ހުންނަ ހުރިހާ ސިފަތަކެއް އެކުލެވޭގޮތަށް 17 ވަނަ ގަރުނުގައި ވިލާތުގެ ޖިބްރަލްޓާގަ އާއި 18 ވަނަ ގަރުނުގައި ސިންގަޕޫރޫގައި ވެސް މިއުސޫލުގެ ތަރަހައިގައި އިޤްތިޞާދީ ސިޔާސަތު ހިންގާން ފަށާފައިވެ އެވެ.

މިޒަމާނުގެ ފުރަތަމަ އެސްއީޒެޑް އުފެދުނީވިލާތުގެ އަޔަލޭންޑްގައި 1959 ގައެވެ. އަދި 1980 ގައި އެންމެ ފުރަތަމަ ޕްރައިވެޓް އިޤްތިޞާދީ ސަރަހައްދު ތަރައްޤީކުރި އެވެ. މިހިސާބުން ދުނިޔޭގެ އެކި ކަންކޮޅުގައި މިފަދަ ޒޯންތައް އުފައްދަން ފެށިއެވެ. މިހާރު ދުނިޔޭގެ 120 އަށް ވުރެ ގިނަ ޤައުމުގައި މިފަދަ ޒޯންތައް އެބަހުއްޓެވެ.

އެސްއީޒެޑްގެ ސިޔާސަތު ހިންގާ ހުރިހާ ޤައުމު ތަކަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައި ހުރި ޤައުމުތަކެއް ނޫނެވެ. ނަމަވެސް ހުރިހާ ފަންތިއެއްގެ ޤައުމުތަކެއްގައި ވެސް މިފަދަ ޒޯންތައް ވަނީ ޤާއިމުކޮށްފަ އެވެ.

މީގެން ދޭހަވަނީ އެސްއީޒެޑްގެ ޒަރިއްޔާއިންޤައުމުގެ އިޤްތިޞާދުގެ ވަކި ދާއިރާއަކަށް އަމާޒުކޮށްގެން ހައްލުތަކެއް ހޯދިދާނެކަމެވެ. ހަމަ މިއާއެކު އިނގެން ޖެހެނީ އެސްއީޒެޑް އަކީ ޤައުމެއްގެ މުޅި އިޤްތިޞާދަށް ދިމާވާ ހުރިހާކަމެއްގެ ހައްލު ނޫންކަމެވެ.
ހުރިހާ ޤައުމެއްގައި އިޤްތިޞާދީ ސަރަހައްދު ގާއިމު ކުރަނީ އެއްގޮތަކަށް އެއް ބޭނުމެއްގައެއް ނޫނެވެ. މިގޮތުން ތަރައްޤީވެފައިވާ ޤައުމުތަކުގަ އާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އިޤްތިޞާދީ ޒޯން އުފެއްދުމުގެ ސަބަބާއި މަޤްޞަދާއި ބޭނުން ތަފާތެވެ.

އަޅުގަނޑުމެންގެ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި އިޤްތިޞާދީ ސަރަހައްދެއް ގާއިމުކުރުމުގެ ބޭނުމަކީ އިންފުރާސްޓަކްޗަރ ތަރައްޤީކޮށް ގާއިމުކުރުމުގެ ބޭނުންތެރިކަމެވެ. އަދި މިކަންވަނީ ސަރުކާރުގެ އެސްއީޒެޑްގެ ބޯޑުގެ ޗެއަރމަން ހާމަ ވެސް ކުރައްވައިފަ އެވެ.

އިޤްތިޞާދީ ޒޯންތަކުގައި އާންމު ސިފަތަކެއް ހުރެއެވެ. އެއީ އިންޕޯރޓް އެކްސްޕޯޓް ޑިއުޓީ މަޢާފު ކުރުން، ކަސްޓަމްސް އިދާރީ އަދި ކޮންޓްރޯލް އިޖްރާތުތައް އެއް ހަމައެއްގައި ހުރުން، ލުއިފަސޭހަ ގޮތަކަށް ބޭރު ފައިސާ މުޢާމަލާތް އޮތުން އަދި ޓެކްސްގެ ސިޔާސަތުގައި އިނާޔަތްތަކެއް އޮތުމެވެ. މި ހުރިހާ އިންތިޒާމެއްގެ ބޭނުމަކީ އިންވެސްޓްމަންޓް ވާދަވެރިކުރުމާއި ވިޔަފާރި އަށް ވަނުމާއި އޮޕަރޭޓްކުރުމުގެ ޚަރަދު ކުޑަކުރުމެވެ.

އެކްސްޕޯޓަށް އަމާޒު ކުރެވޭ ޒޯންތަކަށް "ފްރީ ޓްރޭޑް ޒޯން" ގެ ދަރަޖަ ދެނީ އެޒޯން ތަކުގައި ތަކެތި އުފެއްދުމަށް ހޭދަކުރާ ފަރާތްތަކަށް ދުނިޔޭގެ މާކެޓްގައި ވާދަކުރުމަށާއި ޤައުމުގެ އާންމު އެކްސްޕޯރޓް ވިޔަފާރި ސިޔާސަތުގައި ހުންނަ އިދިކީލި ކަންކަމުން އިންވެސްޓަރަށް ލުއިފަސޭހަކަން ހޯދައިދިނުމަށެވެ. މިގޮތުން ބަލާއިރު ޤައުމުތަކުން މައިގަނޑުގޮތެއްގައި ހަތަރު ދާއިރާއެއްގެ އިންތެރޭގައިވާ ގޮތަށް އިޤްތިޞާދީ ޒޯންތައް ގާއިމުކޮށްފައި އެބަހުއްޓެވެ.

• އެކްސްޕޯރޓް އިތުރުކޮށް، ދުނިޔޭގެ ފެންވަރުގައި އުފެންދުންތައް ވާދަކުރުމުގެ ފުރުޞަތު ހޯދައި ދިނުން. މިފަދަ ޒޯންތައް ޗައިނާ އާއި ޓައިވާންގައި ހުރެއެވެ.

• ގައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ޒޯން ގާއިމުކުރުން. މިފަދަ ޒޯން ޑޮމިނިކަން ރިޕަބްލިކާއި ޓީއުނީޝިއާގައި ގާއިމުކުރެވިފައި އެބަހުއްޓެވެ.

• އާ ސިޔާސަތުތައް ހިންގުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް ހިންގޭ ޒޯން. ޗައިނާގައި އެންމެ ފުރަތަމަ މިނިވަން ބަނދަރުތައް ތައާރަފްކޮށް، މާލީ، ޤާނޫނީ، ލޭބާ އަދި އަގުތަކުގެ ސިޔާސަތު ހިންގީ މިނިވަން ބަނދަރު ޒޯންގައެވެ. މި ސިޔާސަތުން ލިބުނު ތަޖްރިބާ ވަނީ ޤައުމުގެ މުޅި އިޤްތިޞާދަށް މިހާރު ފާއްދައިލާފައެވެ.

• ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގެނައުމަށް އަމާޒުކުރެވޭ ޒޯން. މިފަދަ ޒޯންތައްވަނީ މެދު އިރުމަތީގެ ޤައުމުތަކުގައި ގާއިމުކުރެވިފައެވެ.

އެއްސަރަހައްދަކަށް އަމާޒުކުރެވިގެން އެސަރަހައްދުގައި ކުއްޔަށް ނުވަތަ ވިއްކާލާގޮތަށް ބައެއް ޚިދުމަތްދޭ ތަންތަން ތައްޔާރުކުރެވިފައި ހުރެއެވެ. މިތަންތަނުގެ ބޭނުމަކީ ހޭދަކުރާ ފަރާތްތައް ވާދަވެރިކަމާއެކު ޚިދުމަތް ދިނުމާއި އުފެއްދުން ތައްޔާރުކުރުމަށް މަގުފަހިކުރުމެވެ. މީގެ ފައިދާތަކުގެ ތެރޭގައި މިފަދަ ފެސިލިޓީ ވަކި ސަރައްހަދަކަށް އަމާޒުކުރެވިގެން ގާއިމުކުރެވުމުން ޖުމުލަކޮށް ލިބޭ ފައިދާތަކެއް ހުރެއެވެ. ސަރުކާރަށް ޒޯން ސުޕަވައިޒްކުރަން ފަސޭހަވެ އެވެ. ތިމާވެށީގައި ގެންގުޅޭ ސިޔާސަތުގެ މިންގަނޑުތައް ހިފަހައްޓަން ފަސޭހަވެ އެވެ. އަދި އިންވެސްޓަރު މިސަރަހައްދުގައި ސަބްކޮންޓުރެކްޓު ކުރުމާއި އައުޓް ސޯސްކުރުމުން ގިނަ ވިޔަފާރި ދާއިރާ ތަކަކަށް ހަރަކާތެރިވުމަށް ފުރުޞަތު ހުޅުވިގެން ދެއެވެ. މިއީ އިޤްތިޞާދަށް ހެޔޮ އަސަރު ކުރާނެ ކަމަކަށް ވާއިރު ސަރަހައްދީ ތަރައްޤީ ވެސް ކުރު މުއްދަތެއްގައި ކުރިއަރައިގެންދިއުމަށް ހުޅުވޭ ދޮރެކެވެ.

މިކަހަލަ އިޤްތިޞާދީ ސަރަހައްދު އުފައްދަނީ އިންފްރާސްޓްރަކްޗާގެ ގޮތުން ދަށް ގައުމުތަކުގަ އެވެ. ލަފާކުރެވޭ ގޮތުގައި ރާއްޖޭގައި ވެސް އުފައްދާނީ މިސިފަ އަށް ބައްޓަންވެގެން އޮންނާނެ ޒޯންތަކެކެވެ.

ސިނާއީ ގޮތުން ތަރައްޤީވެފައިވާ ޤައުމުތަކުގައި ގާއިމު ކުރާ އެސްއީޒެޑް ތަފާތެވެ. އެޤައުމުތަކުގައި އާންމުކޮށް ގާއިމުކުރެވެނީ މިނިވަން އިޤްތިޞާދީ ޒޯންއެވެ. މިގޮތުން ކޮރެއާގައި ވަނީ އާ އިޤްތިޞާދީ މިނިވަން ޒޯނެއް ތަޢާރަފްކޮށްފަ އެވެ. މިއީ އާންމުކޮށް އެކްސްޕޯރޓަށް މުދާ އުފެއްދުމަށް ތައްޔާރުކުރާ ސަރައްހަދަށް ވުރެ މާ ފުޅާ މަފްހޫމެއްގައި ބައްޓަންކުރެވިފައިވާ ސަރަހައްދެކެވެ. މިފަދަ 22 ޒޯން ޖަޕާންގައި އެބަ އޮތެވެ. މިފަދަ ޒޯންގެ ބޭނުމަކީ ސިދާ ބޭރުގެ އިންވެސްޓްމަންޓް ޤައުމަށް ގެނައުމެވެ.

ކޮރެއާ އާއި ޖަޕާންގައި މިފަދަ މިނިވަން ޒޯން ގާއިމު ކުރި ބޭނުމާއި ތަފާތު ބޭނުމެއްގައި ވެސް މިނިވަން ސަރަހައްދުތައް ގާއިމުކުރެއެވެ. މިގޮތުން އަޔަލޭންޑްގައި ގާއިމު ކުރި "ޝަނޯން ފްރީ ޒޯން" ގެ ބޭނުމަކީ އެޤައުމުގައި ތަރައްޤީ އެކަހަރި ވެފައިވާ ދެކުނުގެ ހިސާބުތަކަށް އިޤްތިޞާދީ ތަނަވަސްކަން ގެންދިއުމެވެ.

އެމެރިކާ ފުރާންސް އަދި އިގިރޭސިވިލާތުގައި މިފަދަ ސަރަހައްދުތައް ތަޢާރަފްކުރީ އިޤްތިޞާދަށް އަލުން ދިރުމެއް ގެނައުމުގެ ބޭނުމުގަ އެވެ.

ސިނާއީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުން މިފަދަ ސަރައްދުތައް ގާއިމު ކުރުމުގައި ގެންގުޅޭ މައިގަނޑު އުސޫލަކީ ވިޔަފާރި އެފިޝަންޓްކޮށް ކުރުމާއި ވާދަވެރިކަމާއެކު ތަކެތި އުފެއްދުމަށް މަގުފަހިވެފައި ހުރުމެވެ. ސަރައްހައްދަކަށް އިންވެސްޓްކުރުމުގައި ޑިއުޓީ އާއި އެކި ކަހަލަ ފީތަކުން ލިބިދޭ އިނާޔަތްތަކަކީ މިފަދަ ޒޯންގެ ސިފަތައްކަމުގައި މިހާރު މިވަނީ ވެފައެވެ.

އެމެރިކާގައި އޮންނަ ފުރީ ޓްރޭޑް ޒޯން ޕްރޮގްރާމަކީ މީގެ މިސާލެކެވެ. މިޒޯންތަކުގައި އިންޝުއަރެންސް، ސެކިއުރިޓީ އާއި ހިންގުމުގެ ޚަރަދު ކުޑަވުމުން ވިޔަފާރި އޮޕްރޭޓްކުރުމަށް ހިނގާ ޚަރަދު ކުޑައެވެ. ޑިއުޓީއަށް ކަނޑައެޅިފައި އޮންނަ އިނާޔަތްތަކުގެ ސަބަބުން ވިޔަފާރީގެ ކޭޝްފޮލޯ އަށް ތިޔާގި ކަމާއި ލުއިކަން ލިބެއެވެ. މިފަދަ ޒޯންތަކުގައި އެފިޝަންޓްކޮށް މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އައުޓްސޯސްކުރެވިފައިވާ މަސައްކަތްތައް ކުރާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ވެސް ވަނީ ތިރިކުރެވިފަ އެވެ.

ދުނިޔޭގެ ހަޔާތުގައި އަޅުގަނޑުމެން ހޭދަކުރަމުން އަންނަ ޒަމާނަކީ ދުނިޔޭގެ ތާރީޚުގައި އެއްވެސް ދުވަސްވަރެއްގައި ނުދެކޭ ފަދަ ތަރައްޤީގެ ޒަމާނެކެވެ. މިކުރިއެރުމުގެ ބޮޑުބައެއް ދުނިޔެއަށް އައިސްފައި މިވަނީ 19 ވަނަ ޤަރުނާ ހިސާބުންނެވެ. އެއީ ދުނިޔޭގެ މިހާރުގެ އާބާދިގެ ގިނަ ބައެއް އެގަރުނެއްގައި ދުނިޔޭގައި އުޅުނު ދުވަސްވަރެވެ.

މިދެންނެވި ތަރައްޤީ އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަށް ގެނެވޭނީ، ބަވަނަ ވަމުން އަންނަ މިދުނިޔެ އަށް އަންނަ ބަދަލުތަކަށް އަޅުގަނޑުމެން ބަލައި ވިސްނާތިބެގެން، އެފަދަ ފައިދާ ހުރި ސިޔާސަތުތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފުކޮށްގެންނެވެ. އެސްއީޒެޑް އަކީ ޓެސްޓުކުރެވި ނަތީޖާ ނެރެދެވޭނެ ސިޔާސަތަކަށް ވާހިނދު، އެސިޔާސަތު އަވަހަށް އަޅުގަނޑުމެންނަށް ޓެސްޓްކުރެވޭނެ ގޮތަކަށް ބަލައިގަނެގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް