ސިފައިންގެ ވަޒީފާގައި ހުރެ ޑްރަގް ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް

ސިފައިންގެ ވަޒީފާގައި ހުރެ މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ ގއ. ކޮލަމާފުށީ ރެޑްހައުސް އަހްމަދު ޝިމްހާޒު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި 324530 (ތިން ލައްކަ ސައްވީސްހާސް ފަސްސަތޭކަ ތިރީސް) ރުފިޔާ އާއި 3075 ޑޮލަރު ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެފައިސާ ފުލުހުން ހޯދާފައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 3:08 އެހައިކަންހާއިރު ކަލާފާނު ސްކޫލްކައިރީ ހުއްޓައި ޝިމްހާޒު ހައްޔަރުކޮށް އޭނާ ދިރިއުޅޭ އެޕާޓުމަންޓުބަލައި ފާސްކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝިމްހާޒު ކަލާފާނު ސްކޫލް ކައިރީ ހުއްޓައި އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރި އިރު، ޖީބުގައި އޮތް ސިނގިރެޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތީގެ 20 ބްލެޓު ފެނިފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އޭގެފަހުން ފުލުހުންގެ ވެހިކަލްގައި ޝިހާޒު ދިރިއުޅޭގެއަށް އޭނާ ގެންދިޔުމުގެ ތެރޭގައި ވެހިކަލްގައި އޭނާ އިން ދިމާލުން ވެސް ފެނުނު ސިނގިރެޓު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތީގެ 20 ބްލެޓު ފެނިފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ފުލުހުންގެ ވެހިކަލްގައި ޝިމްހާޒު ދިރިއުޅޭ ހ. ތޮއްޑޫގެއަށް ގެންގޮސް އެގޭ ސިޑިމަތީގައި ބަހައްޓައި އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމުން ވެސް އޭނާގެ ޖީބުން މަސްތުވާތަތަކެތީގެ ބްލެޓުތަކެއް ފެނިފައިވާ ކަމަށް ވެސް ހުކުމްގައި ވެއެވެ.

އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ހުރި ކޮޓަރިއެއްގެ ތެރެއިންނާއި ކޯސްޓްގާޑު ބިލްޑިންގްގައި ޝިމްހާޒަށް ދީފައިވާ އަލަމާތިތެރެ ބަލައި ފާސްކުރި އިރު އޭގެތެރޭގައި އޮތް އޯމޯ ހުސްކުރި ޕެކެޓެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެ ހުކުމްގައި ވެއެވެ. އެ ހުރިހާތަކެތި ތަހުލީލު ކުރި އިރު އޭގައި ކިލޯއަކަށް ވުރެ ހެރޮއިން ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ޝިމްހާޒު ދިރިއުޅޭ ކޮޓަރިތެރެއިން ފުލުހުން ހައްޔަރު ކުރި މ. މުލައް އަލަމާގޭ މުހައްމަދު މަންސޫރުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުރިނަމެސް، މަންސޫރު ހުރީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައިކަން އެނގެން ނެތުމުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޝިމްހާޒުގެ ނަމުގައި އާއި އޭނާގެ އަންހެން ދަރިފުޅުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގައި ހުރި ފައިސާތަކަކީ ޝިމްހާޒާއި މަންސޫރު މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނު ނަމަވެސް އެ އެކައުންޓުތަކާބެހޭ ރަސްމީއެއްވެސް މައުލޫމާތެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެފައިސާތަކަކީ އެ ދެ މީހުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ކަނޑައެޅެން ނެތް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު