އަހަރެމެންގެ ދިގު ދިއުޅި

ދިއުޅި ދިގުވުމަކީ ނުވަތަ ކުރުމަކީ އާއްމުކޮށް އެކަމުގައި ނުރަނގަޅު އެކުލެވޭ، ކަންކަން ގޯސްވުމުގައި ސަބަބުވެރިވާ ކަމެކެވެ. މިހާތަނަށް އެއްމެ އާއްމުކޮށް ދިއުޅިބޭނުންކުރާ އެއްޗިއްސަކީ ފަހާފޮށްޓާއި އިންޖީނުދޯންޏެވެ. މިއިން އެއްޗެއްގައި ވެސް މިނަށްވުރެ ދިއުޅި ދިގުވެއްޖެ ނަމަ އޭގެ މަސައްކަތްކުރުމުގައި ވަރަށް ބޮޑަތި އުދަނގޫތަކާއި ކުރިމަތިވާކަން އަހަރެމެންނަށް އެނގެ އެވެ. ބައެއްފަހަރު އޭގެ މަސައްކަތް ނުކުރެވި މުޅިން ހުއްޓި އަލުންބަލުން މަރާމާތުކުރަން ވެސް ޖެހިފައި އެބަހުރެ އެވެ. މިއީ ދިއުޅިދިގުވުމުގެ ނުވަތަދިގުކުރުމުގެ އާއްމު ނަތީޖާ އެވެ.

ކަންމިހެން ހުރުމާ އެކު އާއްމުދިރިއުޅުމުގައި އަހަރެމެންނަށް މިއަދު ދިމާވެފައިވާ ގޮތަކީ ދިއުޅިދިގުވެ އެކަމުގެ ސަބަބުން ވެގެންއުޅޭ ގޮތެކޭ ބުނެވެމުން އެބަދެއެވެ. ކަންކަން ނުކުރެވި، ނުވެވި ގިނަދުވަސް ވުމަކީ ދިއުޅި ދިގުކަމޭ ކިޔޭއުސޫލުންނެވެ. ވިސްނާލާ އިރު އެއީ ތެދެކޭ ބުނާނެޖާގަ ލިބެ އެވެ. ދިގުލަނީ، ލަސްވަނީ ވަކި މިވެނި އެއްކަމެއްނޫނޭ ބުނެވޭވަރުވެ އެވެ. އެކަހަލަ ހުރިހާކަމެއް ވެސް ވަނީ ލަހުން ކަހަލަ އެވެ. ޚާއްސަކޮށް ތަފާތު މައްސަލަތަކުގެ ހައްލު ލިބެނީ ލަހުންނެވެ. ހުށަހެޅޭ މައްސަލަތައް ނިމެނީ އެހާލަހުންނެވެ. ތަހުގީގެއް ނިމެނީ ވެސް ލަހުންނެވެ. އެއަށް ފަހުގެ ފިޔަވަހީގައި ޝަރީޢަތް ނިމެނީ އަދި މާލަހުންނެވެ. ސަބަބަކީ ދިއުޅިދިގުކަމޭ ނޫނީ ދެން ކަނޑައަޅައި ބުނެވޭނެ އެހެންއެއްޗެއް ނެތެވެ. ދައްކަންއުޅޭ ބަހަނާ ދައްކާފަހަރު އެބަހަނާ އަކީ ގަބޫލުކުރެވޭ ކަހަލަ އެއްޗަކަށް ނުވެ އެވެ. މިސާލުތައް ބައިވަރެވެ.

އެކުސިޑެންޓެއްވި އެވެ. އެތަނަށް އެވަގުތު އެކަންބަލަން އަންނަންވީ މީހުން ވެސް އައެވެ. ބެލުންތައް ބެލިއެވެ. ހަލާކުވި ކާރުގެ ފޮޓޯތަކައި ކަންވެފައި އޮތް ގޮތުގެ ނިޝާންތަކުގެ ވެސް ފޮޓޯތައްނެގި އެވެ. ހަލާކުވި ކާރު އޮތީ މަރާމާތުތަކެއްނުކޮށް ނުދުއްވޭވަރު ވެފަ އެވެ. ކޮންމެއަކަސް ދެން އެވަގުތަށް އެކަން ނިމުނީ އެވެ. ފަހުން ދާން ހަމަޖެހިފަ އެވެ. އެއްދުވަސް ދެ ދުވަސްވީ އިރު ހަލާކުވިކާރުގެ ވެރިމީހާ ހާލުގައިޖެހިއްޖެ އެވެ. ވެރިމީހާއޭ ކިޔާ ނަމަ ވެސް އެމީހާ އަކީ ކާރުގެ މިލްކުވެރި ވެރިފަރާތަށް ނުވެފައި މިލްކުވެރިފަރާތުން ކާރުގެނެސް ހަވާލުވެގެން އުޅެނީ ދުވާލަކަށް ހަމަޖެހިފައިވާ ވަކިއަދަދެއްގެ ފައިސާ ދައްކާގޮތަށް ކަމުގައިވާތީ އެ ކާރު ނުދުއްވި (މައްސަލަ އަދި ނުނިމޭތީ) މަރާމާތު ވެސް ނުކުރެވިފައި ހުންނަންޖެހުމުން ހާލުގައިޖެހުނީ އެވެ. ދެދުވަހަކުން އެއްފަހަރުހެން ކަމާބެހޭ ތަންތަނަށް އެމީހާދެ އެވެ. އެކަމަކުއަދި ވާގޮތް ނުވަނީ އެވެ. ރިޕޯޓު ނުނިމެނީ އެވެ. އެމީހާގެ ބަޔާން ނުނެގެނީ އެވެ. ކޮންމެއަކަސް ކަންވާގޮތެއްނުވެ އެވެ. އިތުރު ފަސޭހައެއްވެ މައްސަލަ އަވަސްވެދާނެ ކަމަށް ހީކޮށް އެމަންޒަރު ފެންނަންހުރި ކެމެރާއެއްގެ ފޮޓޯތައް ވެސް ހޯދައިގެން އެތަނަކަށް ގެންދިޔަ އެވެ. ދެންވެސް ނިމޭ ގޮތެއް އަދިހަމަ ނުވަނީ އެވެ. ދިހަ،ފަނަރަ،ވިހިދުވަސްވެ ދިޔައިރު ވެސް ހަމަ އެހެންނެވެ. މިއީ ދިއުޅިދިގު ކަމޭ ނޫނީ ދެން ބުނާނީ ފަހެ ކީކޭބާވަ އެވެ. ދިއުޅިދިގުކަމުން މިކަހަލަކަންކަން މިހެންވީމާ މީގެ ނަތީޖާ ދެންވަމުންދާނީ މިއަށް ވުރެ ނުބަ އެވެ. އެއްކަލަމީހާ އެވާހަކަ ދައްކަމުންގެން ދާނީ ރުޅިވެރިކަމާ ފޫއްސާއެކުގަ އެވެ. ނަންހުތުރުވެ އަގުވެއްޓެމުންދާނީ އެކަމާ ހަވާލުވެގެން ކަންކުރަންތިބި ފަރާތްތަކުގެ އެވެ. މިފަދަ އެތަކެއް މިސާލުޖެހިދާނެ އެވެ. އެތަކެއް ދިމާލުން ވަމުންދާ ގޮތްގޮތް ލިއެވިދާނެ އެވެ. ހައްތާވެސް ދިއުޅިދިގު ކަމުން ކަންކަން ވާންވީގޮތަށް ނުވެފައި ހުރި ވާހަކަތަކުގެ މިސާލު ތަކެވެ.

އެފަދަ ގިނަކަންކަމަކީ ޕާސްޕޯޓު ހެއްދުމަށް ވީހެން އަވަސް ކުރެވޭނެ ކަންކަމެވެ. ޕާސްޕޯޓު ވެސް ކުރީގައި ހެއްދޭނީ ހަފުތާއަކުން ތިންދުވަހުން ދެދުވަހުން ނެވެ. އެކަމަކު އެއޮފީހުގެ ހިންގުން މަރާމާތުކުރެވުނު ފަހަރެއްގައި ލެވުނު ހެއޮވަރު ދިއުޅިއެއްގެ ސަބަބުން ހަމަ ކުއްލިއަކަށް އެއް ދުވަހުން ޕާސްޕޯޓު ނިމެންފެށީ އެވެ. މިފަދަ ބައެއް ތަންތާނގައި ހަމައެކަނި ލިއުމެއް ތައްޔާރުކޮށްލަން ހަފުތާއެއް އެބަވެ އެވެ. މިއީ އޮބިނޯންނަވަރަށް އެމަސައްކަތްތައް އޮންނާތީއެއް ވެސް ނޫނެވެ. ހަމަ ދިއުޅިދިގުކަމުންނެވެ. އެހެންނާ ފަހެ މިހާރުގެ މިޒަމާނުގައި ލިއުމެއްތައްޔާރުކޮށްލައި ސޮއިކޮށްލާފައި ދޫކޮށްލުމަކީ ވެސް ގިނަވެގެން ދިހަވަރަކަށް މިނެޓުއިރުގެ ކަމެއްކަން އަހަރެމެން އެއްމެންނަށް ވެސް އެބަ އެނގެ އެވެ.

ހެދޭނެގޮތް އެބަ އޮތެވެ. މަރާމާތު ކޮށްލަންވީ އެވެ. ހެއޮވަރު ދިއުޅިތަކަށް ފުރުސަތު ދީފައި ދިގު ދިއުޅިތައް ނަގައި ބަދަލުކުރަންވީ އެވެ. އެހެން ހެދިއްޖެ ނަމަ ދިއުޅިދިގުވެ އުފެދޭ ރުޅިވެރިކަމާއި އުތުރިގެންއަރާ ނަފުރަތާއި ފޫހީގެ ތޫފާނުތައްމައިތިރިވެ ހީވެސްނުކުރާ ފަދަ އަމާންޖައްވެއް ފެންނާނެކަމާ މެދު ޝައްކުކުރާނެ ޖާގަ އެއް ނޯންނާނެ އެވެ. ދިއުޅިތަކުގެ ނުހެއޮވަރުކަމުން މަދުލައި ހަމައަށް ނުހިނގައިގެން މިއުޅެން ޖެހޭ ދަތިހާލުން ސަލާމަތްވެވޭނެ ކަން ޔަގީނެވެ. *ނިމުނީ*
ގުޅޭ ޓެގު
comment ކޮމެންޓް