ކޮރަޕްޝަން ހުއްޓުވުމަށް ހިތްވަރުދިނުމާއި ކޮރަަޕްޝަންގެ އަމަލްތަކަށް ފާރަވެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެމުންދާ، ނަޒާހަތްތެރިކަމުގެ ގައުމީ އެވޯޑް 2014އަށް ނަން ހުށަހެޅުމުގެ މުއްދަތު އެ ކޮމިޝަނުން އިތުރުކޮށްފި އެވެ.
ނަޒާހަތްތެރިކަމުގެ ގައުމީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޭސީސީން މިދިޔަ މަހުގެ އަށް ވަނަ ދުވަހު ހުޅުވާލިއިރު، އެ މުއްދަތު ހަމަވާގޮތަށް އޮތީ، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން، އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ، އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ކަމަށާއި އެ އެވޯޑަށް އެދި ނަން ހުށަހަޅަން ޖެހެނީ އެ ކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް މެދުވެރިކޮށް ކަމަށް އޭސީސީން ބުންޏެވެ.
ނަޒާހަތްތެރިކަމުގެ ގައުމީ އިނާމް ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލަ ފަރުދުންނާއި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކެވެ. މިއިން ކޮންމެ ކެޓަގަރީއަަކަށް ވެސް ދިނުމަށް ހަމަޖައްސާފައިވަނީ އެންމެ އިނާމެކެވެ.
ކޮރަޕްޝަންގެ އަމަލްތަކުން ދިވެހި ގައުމު ސަލާމަތް ކުރުމަށް މަސައްކަތްކުރާނެ ދިވެހި ދަރިންތަކެއް މުޖުތަމައުގައި އިތުރުކުރުމަށް ބާރުއެޅުމާއި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަން ބާރުއެޅުމުގެ އިތުރުން ދިވެހި ހިތްތަކުގައި ނަޒާހަތްތެރިކަމަށް އޮންނަ ލޯބި އިިތުރުކުރުމުގެ މަގްސަދުގައި އޭސީސީން ތައާރަފްކުރި އެ އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ދެ އަހަރުން އެއް އަހަރު އެވެ.