ރިޟުވާން ހޯދުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ޕީއައިސީ އަށް ހުށަހަޅައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ހޯދުމަށް ކުރާ މަސައްކަތުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް އޭނާގެ އާއިލާގެ ފަރާތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕީއައިސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު މިނިވަން ނޫހުގެ ނޫސްވެރިޔާ ޒަހީނާ ރަޝީދު މިއަދު ބުނީ ރިޟުވާން ގެއްލުނު ރޭ ކަމުގައިވާ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ފުލުހުން ކުރި މަސައްކަތުގައި އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް އޭނާގެ އާއިލާ އިން މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅުމަށް ފަހު އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރުމުން ރިޟުވާން ގެއްލިފައި ވާތީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި އާއިލާ އިން ހުށަހެޅި ކަންކަން ބައްލަވާނެ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް ޒަހީނާ ބުންޏެވެ.
ޕީއައިސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ- ސަން ފޮޓޯ/ ފަޔާޒް މޫސް

އޭނާ ބުނީ ރިޟުވާން ގެއްލުނުތާ 39 ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ކޮން ބާވަތެއްގެ މައްސަލައެއްގެ ގޮތުގައި ކަން ފުލުހުން މިހާތަނަށް އަންގާފައިނުވާ ކަމަށެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 12:00ގެ ފަހުން މާލެ އިން ހުޅުމާލެ އަށް ދަތުރުކުރި ފެރީއަކުން ރިޟުވާން ފެނި އޭނާއާ ވާހަކަ ދެއްކި ކަމަށް އަމިއްލަ ފަރާތަކުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ. ނަމަވެސް ރިޟުވާން ހުޅުމާލެ އިން އެއްވެސް މީހަކަށް ފެނި އެއްވެސް މީހަކާ މުއާމަލާތް ކުރިކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރިޟުވާން ގެއްލުނު ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓު ކައިރިން ރަތްކާރަކަށް މީހަކު އެރުވި ހާދިސާއާ އޭނާ ގެއްލުނު ހާދިސާއާ ގުޅުން ހުރި ކަމުގެ ސާބިތު ހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު