ހައްޖު ޖަމާއަތްތައް މިނިސްޓްރީ އަށް މޮނީޓާ ކުރެވޭތަ؟

ހައްޖަށް މީހުން ގެންދިއުމުގައި ބައެއް ޖަމާއަތްތަކުން އިހްމާލުވެ، އަދި ފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް މިވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފަ އެވެ. އުމުރު ދުވަހުގެ މަސައްކަތުން ފައިސާ އެއްކޮށް އެ މާތް އަޅުކަން އަދާކުރުމަށް ދިއުމަށް ބަޔަކު ކުރާ އުންމީދުތައް އެއާ އެއާ އެކު ވިއްސިވިހާލިވެ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށް ވުމުން ދެ ވަނަ ފަހަރަށް އެފަދަ ކަމަކާ ކުރިމަތިލުމުގެ ހިތްވަރު ވެސް ނުހުރެ އެވެ.

އެފަދަ ހިތާމަވެރި ކަންކަން ހިނގަމުންދަނީ ބައެއް ހައްޖު ޖަމާއަތްތަކުގެ އަމަލުތަކުގެ ސަބަބުންނެވެ. އުފެދޭ ސުވާލަކީ އެ ޖަމާއަތްތަކުން ހުރިހާ ކަމެއް ގޯސްކޮށް ކުރުމުގެ ކުރިން އެކަން މޮނީޓާ ކުރެވޭނެ އުސޫލެއް ނެތީތޯ އެވެ؟

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އާންމު ކުރި "ދިވެހި ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ބުނާ ގޮތުން ހައްޖު ޖަމާއަތްތައް މޮނީޓާކޮށް ބެލެހެއްޓުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އަށް ލިބިގެންވެ އެވެ. އަދި ހައްޖު ޖަމާއަތްތަކުން މިނިސްޓްރީ އަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތަކެއް ވެސްވެ އެވެ. އެހުރިހާ ލިޔެކިޔުމަކާއި އެ ގަވައިދު ބުނާ ގޮތުގެ މަތިން އެކަންކަން މޮނީޓާ ކުރެވޭ ނަމަ އެފަދަ ކަންކަން މެދުވެރިވުމުގެ ފުރުސަތު ހުއްޓުވޭނެ ކަމަށް ބެލެވެ އެވެ.

ހައްޖު ގަވައިދުގެ ބައެއް މާއްދަތައް ހިއްސާކޮށްލާނަމެވެ.

އެ ގަވައިދު ހަދާފައި ވަނީ ރާއްޖެ އިން ހައްޖަށްދާ މީހުންނާއި އެމީހުން ހައްޖަށް ގެންދާ ކުންފުނިތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށެވެ. އެ ގަވައިދު ބުނާ ގޮތުން ރާއްޖޭގެ ހައްޖާޖީންނަށް ދީނީ މައުލޫމާތު ދޭނެ ފަރާތާއި ސިއްހީ ކަންކަން ކޮށްދޭނެ ފަރާތްތަކުގެ ލިޔެކިޔުންތައް ކުރިއާލާ އިސްލާމިކް މިނިސްޓްރީ އަށް ހުށައަޅަންޖެހެ އެވެ. އެހެން ކަމުން އެކަންކަން ކުރިއާލާ ބެލޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީ އަށް އެވަނީ ލިބިފަ އެވެ.

އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ޖަމާއަތަށް މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައި ވަނީ އިސްލާމިކް މިނިސްޓްރީއިންނެވެ. އެހެންކަމުން އެ ހުއްދަ ދީފައި ވަނީ މި ދަންނަވާ ލިޔެކިޔުންތަކަށް ބަލާފައި ކަމަށް ބެލެވެ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީ އިން މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް ބޭއްވި ޖަލްސާއެއްގައި ހާމަކޮށްފައިވާ ގޮތުން ފަތުހު ޖަމާއަތުން ހައްޖަށްދާ މީހުންގެ ވެކްސިންގެ ކަންތަކާއި ދީނީ ޓުރެއިނިން ދިނުން ފަދަ ކަންކަން ވެސް އެ ޖަމާއަތުން ކޮށްފައެއްނުވެ އެވެ. އުފެދޭ ސުވާލަކީ އެހުރިހާ ލިޔެކިޔުމެއް އެމިނިސްޓްރީ އަށް ހުށައަޅަން ޖެހޭ އިރު ހައްޖާޖީންގެ ކަންކަން ފުރިހަމަ ނުކޮށް ހުރީ ކީއްވެގެންތޯ ކުރިއާލާ އިސްލާމިކް މިނިސްޓްރީ އިން ނުބަލަނީ ކީއްވެގެންތޯ އެވެ؟

ހައްޖު ގަވައިދު ބުނާ ގޮތުން މިނިސްޓްރީ އިން ހުއްދަދޭ ހައްޖު ޖަމާއަތެއްގެ އޮފީހަށް ގުޅޭނެ ނަމްބަރާއި ފެކްސް ނަމްބަރާއި އީމެއިލް އެޑްރެސް އާންމުކޮށް އިއުލާން ކުރަން ޖެހެ އެވެ. އަދި އެއޮފީހެއްގެ ނަން ބޯޑް ބޭރަށް ފެންނަ ގޮތަށް ހަރުކޮށްއި ވެސް ހުންނަންޖެހެ އެވެ. އެ އޮފީސް ހުޅުވާފައި ހުންނާނެ ގަޑިތަކާ އެކު ލިޔެމެއް އޮފީސް ބޭރުގައި ހަރުކުރުމާ އެކު އެ ގަޑިތަކުގައި އޮފީހުގެ ހިދުމަތް ދިނުމަށާއި އެ އޮފީހެއް ހުޅުވާފައި ހުންނަ ވަގުތުގައި ހިދުމަތްދޭނެ މުއައްޒަފެއް ހުރުމާއި ސަރުކާރުގެ ރަސްމީ ގަޑިއެއްގައި އެ އޮފީސް ހުޅުވާފައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ހައްޖާޖީންގެ ޝަކުވާއަކީ އެގޮތަށް އެކަންކަން ނުވާތީ އެވެ. އެ ގަވައިދުގައި އެކަންކަން ކުރުމަށް ބުނެފައި އޮންނައިރު އިސްލާމިކް މިނިސްޓްރީއަށް އެކަން މޮނީޓަ ކުރެވޭބާ އެވެ؟

އެ ގަވައިދު ބުނާ ގޮތުން ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ޖީއެސްޓީ ފިޔަވައި އިތުރު ފައިސާ ނަގައިގެން ނުވާނެ އެވެ. ފައިސާ ނަގަންވާނީ އިސްލާމިކް މިނިސްޓްރީ އިން ހުއްދަދިން ކުންފުނިތައް ހުއްދަދިން ކޯޓާއަށްވާ ވަރަށް ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ނަމަވެސް ކަން ހިނގަނީ އެމަގަކުން ނޫނެވެ. ބައެއް ހައްޖު ޖަމާއަތްތަކުން މިނިސްޓްރީގެ ހުއްދަ ނެގުމެއް ނެތި އެތައް ބަޔެއްގެ އަތުން އިތުރަށް ފައިސާ ނަގާކަން ވަނީ ހާމަވެފަ އެވެ. އަދި އެ ޖަމާއަތަކަށް ކޯޓާ ދިންވަރަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް މީސް މީހުންގެ އަތުން ފައިސާ ނަގާކަމަކީ ވެސް ހިނގާކަމެކެވެ. އެކަންކަން ބަލައި އިސްލާމިކް މިނިސްޓްރީ އަށް މޮނީޓާ ކުރެވެނީ ކިހާވަރަކަށްބާ އެވެ؟

ހައްޖު ގަވައިދު ބުނާ ގޮތުން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކުރާ ތާރީހުން ފެށިގެން ހައްޖު ފައިސާ ޖަމާކުރާ އެކައުންޓްގެ ބޭންކް ސުޓޭޓްމަންޓް ކޮންމެ މަހެއްގެ ދެ މަހުން އެއް މަހު އިސްލާމިކް މިނިސްޓްރީ އަށް ހުށައަޅަން ޖެހެ އެވެ. އަދި ހަރަދެއްކޮށްފައިވާ ނަމަ ހަރަދެއްގެ ހުލާސާ ރިޕޯޓެއް ބޭންކް ސްޓޭޓްމަންޓާ އެކު ހުށައަޅަން ވެސް ޖެހެ އެވެ.

އެ އުސޫލުތައް ގާއިމު ކުރުމަށް އެ ގަވައިދު ބުނެފައިވާ އިރު ހުރިހާ ކަމެއް ގޯހުން ގޯހަށް ނުދަނީސް އެކަން އިސްލާމިކް މިނިސްޓްރީ އަށް ނޭންގެންވީ ސަބަބެއް ނެތެވެ. އިސްލާމިކް މިނިސްޓްރީ އިން ބުނި ގޮތުގައި ފަތުހު ޖަމާއަތުން ހައްޖާޖީ އިން ތިބޭނެ ހޮޓަލަކާއި ޓިކެޓްގެ ކަންކަން ވެސް ހަމަޖައްސާފައެއްނުވެ އެވެ. އުފެދޭ ސުވާލަކީ ކުރިއާލާ އެކަންކަން ހަމަޖައްސާފައި ނުވާކަން މިނިސްޓްރީ އިން ބަލައި ފިޔަވަޅު ނޭޅުނީ ކީއްވެގެންތޯ އެވެ. އެބުނާ ރިޕޯޓެއް ހުށަނާޅާ ނަމަ އެކަމަށް ވެސް ފިޔަވަޅު އެޅެން ޖެހޭނެ ނޫންތޯ އެވެ؟

ހައްތަހާވެސް ސުވާލެވެ. މިހުރިހާ ސުވާލަކަށް ޖަވާބު ހޯދުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެ މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކަށް ތަފާތު އެތައް ފަހަރެއްގެ މަތިން ގުޅީމެވެ. ނަމަވެސް އޭގެން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ އެކަންކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ހައްޖު ޖަމާއަތްތަކުން ބޮޑެތި އިހްމާލްތަކެއްވެ އޭގެ ގެއްލުން ނިކަމެތި އެތައް ރައްޔިތަކަށް ކުރަމުންދާ އިރު ޖަމާއަތްތަކުން އެކުރާ ކަންކަން ގޯހުން ގޯހަށް ނުދަނީސް އިސްލާމިކް މިނިސްޓްރީ އިން އެކަންކަން ހުއްޓުވައި ހަމަމަގަށް އަޅުވަން ޖެހެ އެވެ. ހާލުގައި ޖެހުނު ހައްޖުވެރިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންގޮސްދޭތީ ސަރުކާރަށް ޝުކުރު ހައްގެވެ. ނަމަވެސް އެފަދަ ކަންކަން ކޮންމެ އަހަރަކު ތަކުރާރުވަމުން އަންނަ އިރު އިސްލާމިކް މިނިސްޓްރީ މިއަށް ވުރެ ބޮޑަށް ކަންކަން ބަލަން ޖެހޭ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް