ހައްޖަށް މީހުން ގެންދިއުން: މިނޫން ގޮތެއް ބޭނުންވެފައި!

ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ދެމަފިރިންނެވެ. ހައްޖުގެ މާތް އަޅުކަން އަދާކުރަން ދިއުމުގެ ހުވަފެން ދެކެމުން، ފައިސާ އެއްކުރަން ފެށި އެވެ. ތިން އަހަރު ކުރިން ފެށިގެން ބުރަ މަސައްކަތުން ހައްޖަށްދެވޭ ވަރަށް ފައިސާ އެއްކޮށް، ހައްޖަށް ގެންދިއުމަށް ސަރުކާރުން މި އަަހަރު ފުރުސަތު ދިން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ޖަމާއަތަށް އެ ދެމަފިރިން ފައިސާ ދެއްކި އެވެ. ހުވަފެނުގައި ކުލަ ޖެހޭނެ ކަމުގެ ވަރަށް ވެސް ބޮޑު އުއްމީދެއްގަ އެވެ. ނަމަވެސް، ކަންވީ ދިމާ އިދިކޮޅަށެވެ. ކުރިމަތިލާން ޖެހުނީ ހިތްދަތި ކަމަކާއެވެ.

ފައިސާ ދެއްކި ފަހުން އެ ޖަމާއަތުގެ ފަރާތުން ހަބަރެއްނުވެ އެވެ. ގުޅާލުމުން ކޮންމެ ފަހަރަކު ވެސް ބައްދަލުވުމެއް އޮންނާނެ ކަމަށް ބުނެ ފޯނު ބާއްވަނީ އެވެ. ނަމަވެސް ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ކެތްމަދުވެފައިވާ އެ ދެމަފިރިން ހައްޖަށް ދިއުމަށް ފުރަންޖެހޭ ދުވަސް ކައިރިވާ ވަރަކަށް ދިޔައީ އެ ޖަމާއަތަށް ގުޅަމުންނެވެ.

"ފައިސާ ދެއްކި ފަހުން ވެސް މާބޮޑު ހަބަރުތަކެއް ނުވޭ، ކިހިނެއްތޯ ކަންތައްތައް އޮތީ ބަލާލަން ގުޅާލުމުން ކޮންމެ ފަހަރަކު ވެސް މިބުނަނީ މިމަހު 12 ވަނަ ދުވަހު ބައްދަލުުން އޮންނާނޭ، އެކަމަކު އެއްވެސް ވަގުތެއް ތަނެއް ނުބުނޭ،" އެ ދެމަފިރިން ބުންޏެވެ.

ޖަމާއަތުގެ ފަރުވާ ކުޑަކަމުން ހަބަރެއް ނުވެ ދުވަސްތައް ގޮސް، ކުއްލިއަކަށް ލިބުނު ހަބަރަކާ އެކު އެ ދެމަފިރިންގެ ހިތް ކުދިކުދި ވިއެވެ. ދެކެމުންދިޔަ ހުވަފެން ފުޑުފުޑުވި އެވެ. މިއީ އެ ދެމަފިރިންނެކޭ އެއްފަދައިން މިއަހަރު އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށްދާން ފައިސާ ދެއްކި 125 މީހުންގެ ވެސް ޝުއޫރު ހުރި ގޮތެވެ. އޭގެ ތެެރެއިން ގިނައީ ބުރަ މަސައްކަތުން ފައިސާ ދެއްކި ދުވަސްވީ މީހުންނެވެ.

އަލްފަތުހު ޖަމާއަތުގެ ފަރާތުން ފަހު ވަގުތާ ހަމައަށް އައި އިރު އެއްވެސް އިންތިޒާމެއް ހަމަޖައްސާފައެއް ނެތެވެ. ފްލައިޓް ޓިކެޓާއި ހައްޖަށްގޮސް ހުންނާނެ ހޮޓަލެއް ހޯދާފައެއް ވެސް ނެތެވެ. ކުޑަމިނުން އިންޖެކްޝަން ޖެހުމާއި ހައްޖުވެރިންނަށް ދޭންޖެހޭ ކާޑްތައް ދިނުމާއި މައުލޫމާތުތައް ދިނުން ފަދަ އެއްވެސް ކަމެެއް ވެސް ކޮށްފައެއްނުވެ އެވެ.

އެ ހުރިހާ ކަމަކާ ގުޅިގެން އެ ޖަމާއަތަށް ފައިސާ ދެއްކި މީހުން ދިޔައީ ކަމާ ބެހޭ ފަރާތްތަކަށް ޝަކުވާ ހުށައަޅަމުންނެވެ. ކަންކަން އެހާ ދޯދިޔާކޮށް ކުރުމަށް ފަހު ފަހު ވަގުތު އިސްލާމިކް މިނިސްޓްރީއަށް ފޮނުވީ ޒިންމާދާރުކަން ކުޑަ ސިޓީއެކެވެ.

އެސިޓީގައި ބުނެފައި ވަނީ "އެކުންފުނި ބަނގުރޫޓްވެފައި ވާތީ، އެ ޖަމާއަތަށް ހައްޖަށް ދާން ފައިސާ ދެއްކި 125 މީހުން ހައްޖަށް ގެންދެވޭނެ ގޮތެއް ނެތް" ކަމަށެވެ.

ހައްޖާޖީން ފުރަން ދެތިން ދުވަހަށްވެފައި ވަނިކޮށް އެހެން އެންގުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އަށް ވެސް އެކަންވީ ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް ސަރުކާރުގެ ފައިސާގައި ހައްޖު ކޯޕަރޭޝަންގެ އެހީގައި އެ އެންމެން ހައްޖަށް ފޮނުވޭނެ އިންތިޒާމް ސަރުކާރުން ހަމަޖެއްސި އެވެ. އެކަމަށް ދައުލަތުގެ ފައިސާ އިން ނުވަ މިލިއަން ރުފިޔާ ހަރަދު ކުރަންޖެހުނެވެ.

މިއީ އާކަމެއް ނޫނެވެ. ފަހުގެ ތާރީހެއްގައި ކޮންމެ އަހަރަކު ވެސް ހިނގަމުންދާ ޖަރީމާތަކެކެވެ. ،ވިޔަފާރިއކެވެ، އެކަމުގެ ސަބަބުން މާތް އަޅުކަން އަދާ ކުރަން ބޭނުންވާ އެތައް ބަޔެއްގެ ހިތްތައް ނާއުންމީދުކޮށްލަ އެވެ. މަލީޝާގެ މަކަރުގައި ޖެހުނު މީހުންގެ ފައިސާތައް ތިން އަހަރުވީ އިރުވެސް އަދިވެސް ލިބިފައިނުވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ތިބީ ހައްޖަށް ނުދެވިފަ އެވެ. އޭގެ ތެރޭގައި ގިނައީ ދުވަސްވީ މީހުންނެވެ. ބައެއް މީހުން މިހާރު ވަނީ ދުނިޔެ ވެސް ދޫކޮށްފަ އެވެ. އަނެއް ބަޔަކު ވަނީ ބަލިހާލު ބޮޑުވެފަ އެވެ.

އަހަރުތަކެއް ފަހަތަށް ޖެހިލާ އިރު، 2009 ވަނަ އަހަރު އެސްބީޓީ ގްރޫޕަށް ފައިސާ ދެއްކި އެތައް ބަޔަކަށް ހައްޖަށް ނުދެވި އެ އޮފީސް ކުރިމައްޗަށް އެއްވެ ނުރުހުން ފާޅުކުރަންޖެހުނެވެ. އަދި 2000 ވަނަ އަހަރު ހައްޖަށްދާން އޭރުގެ އަތަމާ ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް ވެސް ޖެހުނީ މަލީޝާ އަށް ފައިސާ ދެއްކި މީހުންނަށް ޖެހުނުހާލެވެ. ހަމައެއާ އެކު ހައްޖު ޖަމާއަތް ތަކޭ ކިޔައިގެން ދެކެވޭ ވާހަކަތައް ވެސް އިތުރެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިދިޔަ ހަފްތާގެ ތެރޭގައި މައްކާގެ ވިޔަފާރިވެރި އަކު އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދެ ތިން ހައްޖު ޖަމާއަތަކުން ބޮޑެތި ފައިސާގެ އަދަދުތަކެއް އޭނާ އަށް ދައްކަންޖެހި ނުދައްކާ ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ފަދަ މާތްއަޅުކަމަކާ ގުޅިގެން ކޮންމެ އަހަރަކު ވެސް މިފަދަ އޮޅުވާލުންތަކެއް ފެންމަތިވަމުންދާ އިރު މިއީ އެތައް ވިސްނުމަކުން ވިސްނަންޖެހޭ ކަމެކެވެ. އުފައްދަންޖެހޭ ސުވާލަކީ އެމާތް އަޅުކަން ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ރާއްޖޭގައި އުފައްދާފައިވާ ޖަމާއަތްތަކުން އެފަދަ އިހުމާލްތައް ވެފައިވަނީ ކީއްވެގެންތޯ އެވެ.

ޖަމާއަތްތައް ބަނގުރޫޓުވެ ކަންކުރަން ޖެހޭ ގޮތަށް ނުކުރެވުމުގެ ތަފާތު ސަބަބުތަކެއް ވެއެވެ. އޭގެ ތެރެއިން އެންމެ އާންމުކޮށް ފާހަގަ ކުރެވޭ ކަމަކީ ވިޔަފާރި އުސޫލުން ކުންފުނިތަކުން ބޮޑު ކުރުމުން ލިބޭ ލަނޑުތަކެވެ. ކޯޓާ ލިބިފައިވާ ވަރަށް ވުރެ އިތުރަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރުމުން ދިމާވާވެފައިވާ ހިތާމަވެރި ކަންކަން ހިމެނެ އެވެ. އާދެ ޖީބު ބޮޑުކުރަން އުޅެނީ އެވެ.

"މާކެޓީން ސްޓްރެޓެޖީ އަކަށް ބައެއް މީހުން މިހަދާގޮތަކީ މީހުން އެ ޖަމާއަތުގައި ތާށިކުރުމުގެގޮތުން އަވަހަށް މީހުންނަން ނޯޓުކޮށްފައި ފައިސާ ނަގަނީ، އެހެން ހެދީމާ މީހުން ހިފެހެއްޓޭނެތާ، އަސްލުމިވާގޮތަކީ އުމުރާ އާއި ހައްޖު ވެސް ނިމުނީމާ އަނެއްކާ އަނެއް އަހަރަށް ސައުދީން ކޯޓާތައް ދޫކޮށްލާނީ ގައުމުތަކަށް. މިނިސްޓްރީން ތާ އަޅުގަނޑުމެންނަށް ދެއްވާނީ. ލިބުނީ މާ އަސްލު ފައިސާ ނަގަންޖެހޭނީ. ބައެއް ގްރޫޕުތަކުން މާކުރިއްސުރެ އެބަނަގާ، ނަގައިގެން އެލާރިވަކިން [އިންސްޓޯލްމަންޓަށް ފައިސާ ނަގައިގެން] ވެސް މީހުން އެބަ ހޯދާ. އަދި އަނެއްބައިމީހުން އެލާރި ވިޔަފާރިކޮށް އެލިބޭ އެއްޗަކުން މީހުން ފޮނުވާކަމަށް ވެސްވޭ،" ހައްޖު ޖަމާއަތެއްގެ މަސްއޫލުވެރިއެއް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ގިނަ ގްރޫޕުތަކަށް ލަނޑުލިބި ތާށިވާންޖެހެނީ، ވިޔަފާރި ރަނގަޅުކުރުމުގެ ނިޔަތުގައި ޖަމާއަތްތަކަށް މީހުން ގިނަކުރުމަށް އަމާޒު ހިފުމެވެ. ލިބޭނެކަމުގެ ޔަގީން ކަމެއްނެތް ކޯޓާތަކަކަށް މާ ކުރިން ފައިސާނެގުމެވެ. އެއްބަޔަކު އަވަސްއަރުވާލައިގެން ހޮޓާތަކުން ބުކިންސްތައް ހަދައި އެޑްވާންސަށް ވެސް ފައިސާދައްކާލަނީ އެވެ. އާހިރު ނަތީޖާއަކީ ކޯޓާ ނުލިބުމުގެ މަޅީގައި ޖެހި ތާށިވުމެވެ.

އަމިއްލަ މީހުންގެ ކުންފުނިތަކާ މީހުން ހައްޖަށް ފޮނުވުމުގެ ކަންކަން ހަވާލުކުރުމުގެ ތާރީހަކީ ދިގު ތާރީހެކެވެ. މިކަމުގެ ތެރެއިން ދިވެހިން މިވަނީ އެތައް ކަމެއް ތަހައްމަލް ކުރަންޖެހިފަ އެވެ. މިއީ ހަޖަމް ކުރެވޭވަރުގެ ކަންތައްތަކެއް ނޫނެވެ. އުމުރު ދުވަހުގެ މަސައްކަތުން ހައްޖަށް ދިއުމަށް ދެއްކި ފައިސާއާއި މެދު އިތުބާރެއް ގާއިމް ކުރެވެންޖެހެ އެވެ.

އަމިއްލަ ޖަމިއްޔާތަކުގެ ހަވާލުގައި މީހުން ހައްޖަށް ގެންދިއުމުގެ ކަންކަމާ މެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށް އިޝާރާތްކުރައްވައި ޝަހީމް ވިދާޅުވީ، "ސައި ހޮޓަލެއްގައި މޭޒު ބަހައްޓައިގެން" މިހާރު މީހުން ހައްޖަށް ނުގެންދެވޭނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ރާއްޖެ އިން ހައްޖަށްދާ މީހުންނަށް ހައްޖަށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަން ފަދަ ސަރުކާރުގެ މުއައްސަސާއަކުން ހައްޖަށް ދިއުމުގެ ފުރުސަތު އެންމެންނަށް ލިބޭނަމަ އިންތިޒާމްތަކާ މެދު ވާން ޖެހޭ ކަންބޮޑުވުންތައް މަދުކުރެވޭނެ އެވެ. މިއަހަރު އެ ޖަމާއަތުން ހައްޖަށް ދިޔަ 500 ހައްޖާޖީން ވެސް ފުރައިގެން ދިޔައީ ބޮޑެތި މައްސަލަތަކެއް ފެންމަތިނުވެ "ހިނިތުން ވުމާ އެކު" އެވެ. އެހެން ކަމުން އެ ކޯޕަރޭޝަން އާއި އެ މަސްއޫލިއްޔަތު ހަވާލުކުރެވިއްޖެ ނަމަ ހައްޖުގެ އަޅުކަމާ މެދު މީހުން މާޔޫސް ނުވެ އުންމީދު އާ ވާނެ އެވެ. އެއީ ސަރުކާރުގެ ކޯޕަރޭޝަނަކަށް ވުމުން ހުރިހާގޮތަކުން ވެސް އިތުބާރު އޮންނާނެ އެވެ.

ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތްދޭ ގްރޫޕުތަކާ މެދު މިއަދު މީހުން މިވަނީ ޝައްކުގެ ނަޒަރުން ބަލަން ފަށާފަ އެވެ. އެއްބަޔަކު ހެޔޮގޮތުގައި އެކަން ކުރިއަސް އަނެއްބަޔަކު އެކަމުގައި އިހްތިޔާރުކުރީ ގޯސްމަގެވެ. އެތައް ނިކަމެތިންގެ ހައްގުތައް ގެއްލިދާއިރު މިނޫންގޮތެއް މިކަމަށް ބޭނުންވެ އެވެ. އެއީ އަމިއްލަ ފަރާތްތަކަށް ވިޔަފާރި އުސޫލުން މިކަން ކުރަން ދޫކޮށްލުމުގެ ބަދަލުގައި ސަރުކާރުގެ ކޯޕަރޭޝަން މެދުވެރިކޮށް ކުރުން ކަމަށް ގަބޫލްކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް