އެސްއީޒެޑް ބިލް ފާސްވުމުގެ އުފަލުގައި މެމްބަރުންނަށް ފަރިއްކޮޅެއް ދެއްވައިފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލް ފާސްވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ދެ ކަނބަލުން ފަރިއްކޮޅެއް ދެއްވައިފި އެވެ.

ސްޓެލްކޯގެ ޓެރަސްގައި މިރޭ ބޭއްވި އެ ހަފްލާގައި އެމްޑީއޭ އާއި ޕީޕީއެމްގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ ހަފްލާގައި ބައެއް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ބޯޑު މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕްރައިވެޓް ފަންގްޝަނެއްގެ ގޮތުގައި މިރޭ ކުރިއަށް ދިޔަ އެ ހަފްލާގައި އެސްއީޒެޑް ސަރަަހައްދު ތަރައްގީގެ ތަސައްވުރެއް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ކޭކެއް ފެޅުން ވެސް އޮތެވެ. އަދި މިއުޒިކު ބޭންޑާއެކު ބައެއް މެމްބަރުންނާއި ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެކި ޕާޓީތަކުން ހުށަހެޅި ޖުމްލަ 274 އިސްލާހު އެކު އެސްއީޒެޑްގެ ބިލް ފާސްކުރީ މަޖިލީހުގެ 60 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް 15 މެމްބަރުން ވޯޓްދެއްވި އެވެ.

ސްޕެޝަލް އިކޮނަމިކް ޒޯންގެ ބިލުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމާއި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. އަދި ދރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމާއި އެ އިންވެސްޓްމެންޓްތައް މެދުވެރިކޮށް ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު