ކުރިމަގު ބައްޓަންކުރަން ދިމާވާ ހަމައެކަނި ގޮންޖެހުމަކީ ގައުމުގެ ސައިޒެއް ނޫން: މައުމޫން

ގައުމެއް ތަރައްގީކޮށް އެގައުމެއްގެ ކުރިމަގު ބައްޓަން ކުރަން ކުރިމަތިވެފައިވާ ހަމައެކަނި ގޮންޖެހުމަކީ އެ ގައުމެއްގެ ސައިޒެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުދި ގައުމުތައް ތަރައްގީކުރަން ހުރިހާ ގައުމުތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ސަމޯއާގައި ކުރިއަށްގެންދާ ކޮންފަރެންސެއްގައި ރާއްޖެ ތަމްސީލުކުރާ އިސްވެރިއެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކުދި ގައުމުތައް ރައްކާތެރިކުރުމަށް މިހާތަނަށް އައިއިރު މާބޮޑަތި މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް ރާއްޖެފަދައިން ކުދި ޖަޒީރާ ގައުމުތައް އިސްވެ ނުކުމެއްޖެ ނަމަ އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

" އެފަދަ ކަންކަމަށް އެހީއަށް ވުރެ ބޮޑަށް ކުރިއަށް ދާނެ ފުރުސަތު ތަކެއް ބޭނުންވަނީ. ގައުމެއް ތަރައްގީކޮށް އެގައުމެއްގެ ކުރިމަގު ބައްޓަން ކުރަން ކުރިމަތިވެފައިވާ ހަމައެކަނި ގޮންޖެހުމަކީ ގައުމުގެ ސައިޒެއް ނޫން. ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން އެ މައްސަލަ ހައްލުކުރުމުގައި އިސްނަގަން ފަސްޖެހޭނަމަ ކުދި ޖަޒީރާ ގައުމުތަކަށް އެކަމުގައި އިސް ނެގުމަށް ފުރުސަތު ދެއްވުން އެދެން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އަދި ވިދާޅުވީ ޖަޒީރާ ގައުމުތަކަށްވެސް ކަންކަމުގައި އިސްނެގުމުގެ ގާބިލްކަން ލިބިފައިވާ ކަމަށާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސް ވަމުންދާ ދިއުން ދުނިޔޭގެ ސަމާލުކަށް ގެނެސްދިނީ ވެސް ރާއްޖެއިން ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަ ތަކުގެ ސަބަބުން ރާއްޖޭގެ އީކޯސިސްޓަމަށް ނުރައްކާ ވެފައިވާކަމަށާއި ކުދި ގައުމުތަކުގެ ތިމާވެށި ހަލާކުވަމުން ދާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ބައްދަލުވުން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ މިމަހު ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު