މާޒިން މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

އަޑި ޕާކް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ނ. މިލަދޫ، ދިއްގާމާގެ، އަޙްމަދު މާޒިން، 19، އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.

މާޒިންއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ތިން ޒުވާނަކާއި 22 އަހަރު ޒުވާނުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ ހަތަރު މީހުންނަކީ ވެސް މަރާމާރީ އާއި ތަފާތު އެހެނިހެން މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ.

އެ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ ބަންދުގެ މުއްދަތު ހަމަވާތީ، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އަމުރުކޮށްފައި ވަނީ ހޯމް މިނިސްޓްރީން އަންގާތަނެއްގައި 15 ދުވަހު ބަންދުގައި ބައިތިއްބައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށެވެ.

މިދިޔަ މަހުގެ ދެ ވަނަ ދުވަހު މާޒިން އަށް ހަމަލާ ދީފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއެކު އަޑި ޕާކްގައި ހުންނަ ޖޯއްޔެއްގައި އޮށޯވެލައިގެން އޮއްވަ އެވެ. އެ މާރާމާރީގެ ސަބަބުން މާޒިންއަށް ލިބުނު އަނިޔާއަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައި ވަނީ އެ ދުވަހުގެ 23:05 ހާއިރު އެވެ. އެ މާރާމާރީގައި މާޒިންގެ ހަށިގަނޑުގެ 10 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭނާގެ ބުރަކައްޓަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ވަރަށް ފުންކޮށް ޒަޚަމްވެފައި ވެއެވެ.

މި މާރާމާރީގައި އަރިކަށްޓަށް ހަމަލާދީ އޭނާގެ ކޮއްކޮވެސް ޒަޚަމްކޮށްލާފައި ވެއެވެ. އޭނާގެ ކޮއްކޮ އަށް އޭޑީކޭގައި ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު