ސަން ޓީމުގެ އަރީޝާ، ރަން މެޑައްޔަކާ އެކު ރާއްޖެ އަތުވެއްޖެ

ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމުގެ އަދި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު އަރީޝާ ރިޒާ ޕާކިސްތާނުގެ ބަލޮޗިސްތާނު ޔުނައިޓެޑް ފުޓްބޯޅަ ކްލަބަށް ކުޅުމަށްފަހު ރަން މެޑަލަކާ އެކު މިއަދު މެންދުރު ރާއްޖެ އަތުވެއްޖެ އެވެ.


އޯގަސްޓުމަހުގެ 11 އިން 31 ގެ ނިޔަލަށް ކުރިޔަށް ދިޔަ ޕާކިސްތާނުގެ ގައުމީ އަންހެނުންގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ހޯދި، ބަޗޮލިސްތާނު ޔުނައިޓެޑަށް ކުޅުނު އަރީޝާ "ސަން"އަށް ބުނީ، ޕާކިސްތާނުގެ ޓީމަކަށް ކުޅެން ލިބުނީ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޕާކިސްތާނުގެ ޓީމުތަކުގެ "ބަލިފައިތައް" ދަސްވެފައިވާކަމަށް ވެސް އަރީޝާ ބުންޏެވެ.

"އިތުރު ތަޖުރިބާތަކެއް އެކޮޅަށް ގޮސްގެން ލިބުނީ. ދެން ކުރިއަށް އޮތް ގޭމަށް ވިސްނިއަސް އަޅުގަނޑުމެންނަށް އިނގޭ އެކޮޅުން ކުޅޭނީ ކިހިނެއްކަން. އެމީހުންގެ ވީކްޕޮއިންޓް ތަކަކީ ކޮބައިކަން. އެ ހުރިހާ އެއްޗެއްވެސް ރަނގަޅަށް ރީޑު ކޮށްފައި މިއައީ މިފަހަރު،" އަރީޝާ ބުންޏެވެ.

އަރީޝާ ބުނީ މިކަހަލަ ފުރުސަތެއް ލިބުނީމަ ވަރަށް އުފާ ކުރާ ކަމަށާއި މި ފުރުސަތުގެ ސަބަބުން ގައުމު ފަހުރުވެރި ކުރެވުނު ކަމަށެވެ.

"ފުރަތަމަ މިކަހަލަ މުބާރާތަކަށް ދެވުނީމަ ވަރަށް ބޮޑަށް އުފާވި. ފުރަތަމަ ފަހަރު ދިޔަ މެޗުގައި ގޯލްޑު މެޑަލެއް ލިބުނީމަ ގައުމަށްވެސް ރީތި ނަމެއް ކަންނޭނގެ މި ހޯދާ ދެވުނީ." އަރީޝާ ބުންޏެވެ.

މިފަދަ ފުރުސަތެއް އަރީޝާއަށް 'ސަން'ގެ ފަރާތުން ލިބިފައިވާތީ އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.
"ސަންގެ މެނޭޖްމެންޓަށާ ދެން އެފްއޭއެމްއަށް އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާ ކުރަން،" އަރީޝާ ބުންޏެވެ.

ކުރިއަށް ހުރި ޕްލޭން ތަކާ މެދު ވާހަކަ ދައްކަމުން އަރީޝާ ބުނީ އަންނަ އަހަރު ވެސް ބަޗޮލިސްތާނު ޔުނައިޓެޑަށް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

"ކުރިޔަށް އޮތް ޕްލޭން ތަކަކީ، އަންނަ އަހަރުވެސް އެމީހުން ބޭނުންވޭ އަޅުގަނޑު އެކޮޅަށް ދާން. ދެން އެމީހުންނަށްވެސް ޝުކުރު އަދާ ކުރަން މިކަހަލަ ދެވަނަ ފުރުސަތަކަށްވެސް އެދުނީމަ،" އަރީޝާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު