އިދިކޮޅު ހަނގުރާމަވެރިންގެ ކުރިމަތީގައި ޔުކްރޭންގެ ސިފައިން ފަހަތަށް ޖެހެނީ

ކިޔެވް (ސެޕްޓެމްބަރު 2) : ރަޝިޔާގެ ސިފައިންގެ ޔުނިޓްތަކެއް ޔުކްރޭންގެ އެތެރެއަށް ވަދެ ދިން ވަރުގަދަ ޙަމަލާތަކަކާ ގުޅިގެން ޔުކްރޭންގެ ސިފައިން ފަހަތަށްޖެހި ލޮހާންސްކް އެއާޕޯޓުން ޔުކްރޭންގެ ސިފައިން ފައިބަންޖެހުމާ އެކު ޔުކްރޭނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައަކަށް ރަޝިޔާ ތައްޔާރުވެގެން އޮތްކަމަށް ޔުކްރޭނުން ތުހުމަތުކޮށްފި އެވެ.

ޔުކްރޭން ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވީ ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ ހަނގުރާމަވެރިންނާ އެކު ގިނަ އަދަދެއްގެ ރަޝިޔާ ސިފައިން ހަނގުރާމަ ކުރަމުން ގެންދާ ކަމަށާއި ޔުކްރޭން އިރުމަތީ ސަރަހައްދުތަކުގައި ރަޝިޔާ ސިފައިންގެ ގިނަ ބަޔަކު ހަރަކާތްތެރިވަމުންދާ ކަމުގައެވެ. ރަޝިޔާގެ ސިފައިންގެ ޔުނިޓްތަކެއް ޔުކްރޭންގެ އެތެރެއަށް ވަދެ ޔުކްރޭން ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ކަމަށް އެގައުމުގެ ސަރުކާރުން ތުހުމަތުކުރާ އިރު ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން ބުނަމުންގެން ދަނީ ހަނގުރާމައިގާ ޔުކްރޭން ސިފައިން ބަލިވެ ފަހަތަށް ޖެހެމުންދާ ކަމުގަ އެވެ.
ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން ބުނީ ސަރުކާރު ސިފައިންގެ ދެ ގްރޫޕެއް ހިސާރުކޮށް ވަށާލެވިފައިވާ ކަމަށާއި އެމީހުންތިބީ އަމާންދިނުމަށް ތައްޔާރަށް ކަމުގަ އެވެ. އަސްކަރީ ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގެ އިރުމަތީގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ފާއިތުވި ދެހަފްތާގައި ވަނީ ލޮހާންސްކް އާއި ދޮނިސްތިކްގައި ޔުކްރޭން ސަރުކާރު ސިފައިންގެ މައްޗަށް ވަރަށް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. ރަޝިޔާގެ ސިފައިންގެ ޔުނިޓްތަކެއް ޔުކްރޭންގެ އެތެރެއަށް ވަދެ ޔުކްރޭން ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރާކަމަށްބުނެ ޔުކްރޭން ސަރުކާރުން ވާހަކަ ދައްކަނީ ހަނގުރާމަވެރިންނާ ކުރިމަތިލައިގެން ޔުކްރޭން ސިފައިން ބަލިވެ އިނދަޖެހެމުން ދާތީ ހުޅަނގުގެ އަސްކަރީ އެހީ ހޯދުމުގެ މަގްސަދުގައި ކަމަށް ވެސް އިދިކޮޅު ހަނގުރާމަވެރިން ބުނެ އެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުން ޔުކްރޭން ސިފައިން ބަލިވަމުންދާ އިރު ޔުކްރޭންގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ބުނީ އެގައުމުގެ ސިފައިން ލޮހާންސްކް އެއާޕޯޓުން ފޭބީ އަސްކަރީ ޓެކްޓިކެއްގެ ދަށުން ރޭވުންތެރި ގޮތެއްގައި ކަމަށާ މިއީ ހަނގުރާމައިގާ ބަލިވުން ނޫންކަމުގަ އެވެ.

ރަޝިޔާ އިން ވަނީ އެގައުމުގެ ސިފައިން ޔުކްރޭނަށް ވަންނަމުންދާ ކަމަށް ބުނެ ޔުކްރޭން ސަރުކާރުން ދައްކާ ހުރިހާ ވާހަކަތަކެއް ދޮގުކޮށްފަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ޔުކްރޭން ސަރުކާރަށް އިއްޔެ ގޮވާލެއްވީ ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގައި އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާއަތްތަކާއެކު ސޮއިކުރުމަށެވެ. އެއަށް ފަހު މައްސަލަތައް ޙައްލުކުރުމަށްޓަކައި ހަނގުރާމަވެރި ޖަމާއަތްތަކުގެ ލީޑަރުންނާ މަޝްވަރާތައް އަވަހަށް ފެށުމަށް ވެސް ލާވްރޯވް ޔުކްރޭންގެ ސަރުކާރަށް ގޮވާލެއްވި އެވެ. ނަމަވެސް ޔުކްރޭންގެ ސަރުކާރުން ގެންދަނީ އިދިކޮޅު ހަނގުރާމަވެރިންނާ ވާހަކަ ދެއްކުމަށް ދެކޮޅު ހަދަމުންނެވެ.

މިދިޔަ އެޕްރީލް މަހުން ފެށިގެން ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ މިހާތަނަށް ދެހާސް ހަސަތޭކައަށް ވުރެ ގިނަމީހުން މަރުވެފައިވާއިރު އެތަށްހާސްބަޔަކުވަނީ ޒަޚަމްވެފައެވެ. (ބީބީސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު