ސަފާގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ފަށައިފި

ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރި މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ)ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ހައިކޯޓުގައި ފަށައިފި އެވެ.

ސަފާ 18 އަހަރަށް ޖަލަށްލުމާ އެކު 75،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

ސަފާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ސަފާއާއި ސްރީލަންކާގެ މީހަކާ ދެމެދު ކުރެވިފައިވާ ފޯން ކޯލެއްގެ ރެކޯޑިންއަށް ބަލާއިރު 2006 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސަފާގެ ވަކީލާ ވިދާޅު،ވީ ސަފާ ރާއްޖެ އެތެރެކުރަން އުޅުނީ ކޮން ބާވަތެއްގެ މަސްތުވާއެއްޗެއް ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ހަމައެކަނި ފޯން ކޯލް ރިކޯޑިންއަކަށް ބަލައި ސަފާގެ މައްޗަށް ކުށް ސާބިތު ކުރި އިރު އެ ރިކޯޑިން ތަހުލީލު ކޮށްފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ވަކީލާ ވިދާޅުވި އެވެ. އެހެންކަމުން ސަފާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ ސަފާގެ ފޯން ކޯލް ރިކޯޑިންގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގެ އިތުރުން އެ ކޯލް އަޑުއެހުމަށް ކްރިމިނަލް ކޯޓުން ދީފައިވާ އަމުރުގެ ކޮޕީއެއް ހުށަހެޅުމަށް އެންގުމަށްފަހު އެވެ.

ސަފާއާ އެކު އޭނާގެ ބައިވެރިން ވެސް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. އެއީ ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމާއި ހ. ގަސްވާ މުހައްމަދު މީއާދާއި ގދ. ފިޔޯރީ އެވަރެސްޓް އަނަސް އަނީސް އެވެ.

އެމީހުންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުގެ ރޭ ހ. ފަށަންގޭގެ ފަސްވަނަ ފަންގިފިލާގައި މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު