ބޮއިކޮޓް ކުރި ފަހުން އެތެރެކުރީ އިސްރާއީލުގެ 2،000 ރުފިޔާގެ މުދާ

އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާ ކުރިފަހުން އެ ގައުމުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ އެންމެ 2000 ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، އިސްރާއީލުގެ މުދާ އެތެރެކުރުން ސަރުކާރުން މަނާ ކުރަންދެން މިއަހަރު ތެރޭގައި އިސްރާއިލުން ތިން މިލިއަން ރުފިޔާގެ ތަކެތި ރާއްޖެ އެތެރެކޮށްފައިވީ ނަމަވެސް އޭގެ ފަހުން އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ އެންމެ 2000 ރުފިޔާގެ މުދާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ނިންމުމަށް މުދާ އެތެރެކުރާ ފަރާތްތަކުން އެއްބާރުލުން ދޭ މިންވަރު ހާމަވެގެން ދާކަމަށް ނިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިކަމުންވެސް ފާހަގަކުރެވޭ ސަރުކާރުގެ ނިންމުން އާންމުން ބަލައިގަތް ވަރު،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ، އިސްރާއީލުގެ މުދާ ރާއްޖެ އެތެރެކުރުން މަނާކުރި ފަހުން އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ބައެއް ތަރުކާރީއާއި މޭވާގެ ބާވަތްތައް ކަމަށެވެ. އަދި އެ ތަކެތި ކަސްޓަމްސުން ހިފަހައްޓާފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

އިސްރާއީލުން ރާއްޖެއަށް އެތެރެ ކުރަމުންދިޔަ މުދާ ރާއްޖެ އެތެރެކުރުން މަނާކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައެވެ. އެގޮތަށް އެކަން ނިންމީ އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރިކަމާ ގުޅިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު