ފައިސާ ލިބިފައިވާ މަޝްރޫއަކަށް ފައިސާ ނުދިނުމުގެ އިހުތިޔާރު ފިނޭންސަށް ލިބިގެން ނުވޭ: ރައީސް އޮފީސް

ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުން ހިންގާ މަޝްރޫއުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ލިބި އަދި ބަޖެޓަށް ވެސް ފައިސާ ލިބިފައިވަނިކޮށް އެ މަޝްރޫއެއް ހިންގުމަށް ފައިސާ ދޫނުކުރުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެން ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީގެ ދަށުން ވަކި އޮފީހެއްގެ ގޮތުގައި ހިނގަމުންދިޔަ، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ) އޮފީހުން އުވާލައި ހައުސިންގް މިނިސްޓްރީގެ ދަށަށް ގެންނެސްފައިވާ ކަމަށެވެ. އަދި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގާ ގޮތްތަކަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ބުނެފައިވެ އެވެ. އެ މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްވަނީ ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ޓެންޑަ އިވެލުއޭޝަން ބޯޑަށެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތަކުން ހިންގަން ބޭނުންވެގެން ހުށަހަޅާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ލިބި އަދި، އެ މަޝްރޫއު ހިންގުމަށް ބަޖެޓަށް ފައިސާ ލިބިފައިވަނިކޮށް، މަޝްރޫއުތަކުގެ ބަޖެޓްގެ ބޮޑުކަމުން ނުވަތަ އެ މަޝްރޫއަކީ، ސަރުކާރުން ހިންގަވަން ރަނގަޅު ނޫން މަޝްރޫއެއް ކަމަށް ފެންނާތީ ނުވަތަ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް މަޝްރޫއެއް ހިންގުން ރަނގަޅު ނޫން ކަމަށް ބަޔާންކޮށް މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ފައިސާ، ކަމާބެހޭ އޮފީހަށް ދޫނުކުރުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެން ނުވާ ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓް އެގްރީމްންޓްތަކުގައިވާ މިންވަރަށާއި ފެންވަރަށް އަދި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމާފައިވާ ކަމަށް މަޝްރޫއުގެ ކޮންސަލްޓެންޓުން ނުވަތަ އިންޖިނިއަރުން ސޮއިކުރާ ލިޔުމުގެ މައްޗަށް ރިއާޔަތްކޮށް، ފައިސާ ދޫކުރުމަށް ކޮންޓްރެކްޓް އެގްރީމަންޓްގައި އެއްބަސްވެފައިވާ ޝެޑިއުލްގައިވާ ގޮތުގެމަތިން މަޝްރޫއުގެ ކޮންޓްރެކްޓަރަށް ފައިސާ ދޫކުރަންޖޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަލަށް ގެނެސްފައިވާ މި ބަދަލުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކުލަވާލައި، މަޝްރޫއުތަކާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއުތައް ފުރިހަމަކޮށްފައިވާ ފަސް މިލިއަން ރުފިޔާ އަށްވުރެ ބަޖެޓް ބޮޑު މަޝްރޫއުތައް ހިންގުމުގެ ހުއްދައަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހަށަހަޅަންޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފަސް މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ކުޑަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް އެންމެހައި ކަންކަން އެ އޮފީހެއްގެ ބަޖެޓާއި ފައިސާއާ ބެހޭ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓް ނުވަތަ ސެކްޝަނުން ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ފަސް މިލިއަން ރުފިޔާއަށްވުރެ ބަޖެޓް ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ޑިޒައިން ތައްޔާރުކޮށް ސްޓްރަކްޗަރަލް ކުރެހުންތައް ކުރަހައި އެ ކުރެހުންތަކުގެ ޑިޒައިނާއި ސްޓްރަކްޗާތައް ފާސްކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު